ސިޔާސީ ޕާޓީތަކުގެ ގިނަ މާއްދާތަކެއް ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އަވަސް ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާތަކެއް ބާތިލްކުރުމަށް ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުންނާއި ގައުމީ ޕާޓީގެ ނާއިބް ރައީސް އިމާދު ސޯލިހު އަމިއްލަ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ވާހަކައެއް ދައްކަން އެ ކޮމިޝަނުން ބޭނުން ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލާ އެގޮތަށް ވިދާޅުވުމުން ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް އޭނާއާ ކުރިމަތި ކުރައްވާފަ އެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ވިދާޅުވީ އެ މައްސަލަ ވިހާވެސް އަވަހަކަށް ނިންމައިދިނުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީން އެދިފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދެ މާއްދާ އެއް ބާތިލް ކުރުމަށެވެ. އެއީ އެ ގަނޫނު ތަސްދީގު ކުރި ދުވަހާ ހަމައަށް އުފެދިފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭގޮތަށް އެކުލަވާލާފައިވާ އެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ) އާއި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 10،000 މެންބަރުގެ ފޯމް ހުށަހަޅަން ޖެހޭ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އެވެ.

އިމާދު ސޯލިހު ހުށަހެޅުއްވި މައްސަލައިގައި ވެސް އެ ދެ މާއްދާ ބާތިލްކުރުމަށް އެދިވަޑައިގެންފައި ވެއެވެ.

އެ ދެ މާއްދާގެ އިތުރުން ބާތިލް ކުރުމަށް އިމާދު އެދިވަޑައިގެންފައިވާ މައްދާތަކުގެ ތެރޭގައި އެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި އެ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) އާއި އެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި (ށ) އާއި އެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި އެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ނ) އެވެ.

އިމާދު އެދިވަޑައިގެންފައި ވަނީ އެ މާއްދާތަކަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދަ އާއި 20 ވަނަ މާއްދާ އާއި 30 ވަނަ މާއްދާގެ (ހ) ގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސްގެ ބައެއް މާއްދާތަކާއި އިންޓަނޭޝަނަލް ކޮވިނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ގެ ބައެއް މާއްދާތަކާ ޚިލާފު މާއްދާތަކެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިމާދުގެ ގާނޫނީ ވަކީލު ޑރ. ހަސަން ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ހެދުމަކީ މުތުލަގު ހައްގެއް ކަމަށް ސުޕްރީމް ކޯޓުން ވެސް މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހައްގަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވާއިރު އެ ގާނޫނު އެކުލަވާލާފައި ވަނީ އެ ހައްގަށް ހުރަސްއެޅޭގޮތަށް ކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީގެ ގާނޫނީ ވަކީލު ވިދާޅުވީ ސިޔާސީ ޕާޓީތަކުގައި 10،000 މެންބަރުން ހަމަކުރުމަށް އެ ގާނޫނުގައި ލާޒިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކުރަމުން ގެންދާ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި އެ ގާނޫނު އެކުލަވާލާފައި އޮތް ގޮތުން އެތަކެއް ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށް ވެސް ގައިމީ އިއްތިހާދު ޕާޓީގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބޭރުގައުމުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފަންޑު ހޯދިދާނެ ކަމަށް ބުނެފައިވާ މާއްދާ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމާދުގެ ވަކީލު ޑރ. ހަސަން ސައީދު ވިދާޅުވީ ބޭރު މީހުންގެ އަތުން ސިޔާސީ ޕާޓީތަކަށް މާލީ އެހީ ހޯދުމަށް ހުއްދަ ދެވިއްޖެނަމަ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ އަދި ރާއްޖޭގެ ދާޚިލީ ކަންކަން ގަޑުބަޑުކުރަން ބޭނުންވާ ރާއްޖެއިން ބޭރުގެ ކޮންމެ މީހަކަށް އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ގާނޫނު އެކުލަވާލެވިފައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާދީގެން ރާއްޖޭގެ ދާޚިލީ ކަންކަން ގަޑުބަޑުކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ލިބިފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވެސް ވަނީ އެ މައްސަލައިގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފަ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވެފަ އެވެ.
އެމްޑީއޭގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެ ގާނޫނު އެކުލަވާލެވިފައިވާގޮތުން އެ ޕާޓީގެ މެންބަރުންނަށް ލިބިފައިވާ ސިޔާސީ ޕާޓީގައި ބައިވެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމާއެކު އެމްޑީއޭގެ މެންބަރުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެ ގާނޫނުގައި ހުރި ކަންބޮޑުވާ ކަންތައްތައް މައުމޫން ހަމީދު ވަނީ ވަރަށް ތަފްސީލުކޮށް ޝަރީއަތަށް ކިޔައިދެއްވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވި އިރު އިތުރު އެއްވެސް ކަމެއް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކޮށްފައެއްނުވެއެވެ.