29 Apr 2013, 18:09
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މިޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އިސްމާއީލް އަބްދުއްލަތީފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ފޮނުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މަނިކު ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8,626,000ރ. ނެގުމަށްފަހު އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ 92 މީހަކު ތަހުގީގަށް ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.