29 Apr 2013, 17:31
ސޯލް (އެޕްރީލް 29): އުތުރުކޮރެޔާ ފުޅާދާއިރާއެއްގެ ޢަސްކަރީ ތަމްރީންތަކަކަށް ތައްޔާރުވަމުންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިޚަބަރު ހާމަކުރި ދެކުނު ކޮރެޔާ އިން ބުނީ މިޢަސްކަރީ ތަމްރީންތަކުގައި އުތުރުން ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާ ކޮށްފާނެކަމަށް ބެލެވޭކަމުގަ އެވެ. އަދި ފަހަރުގައި ދެކުނުގެ ޢަސްކަރީ މަރުކަޒަކަށް ކުއްލި ޙަމަލާއެއް ދިނުން ފަދަ ޢަމަލެއް އުތުރުން ހިންގަފާނެކަމުގެ ބިރުވެސް ދެކުނުން އިޙްސާސް ކުރާކަމުގަ އެވެ. ދެކުނު ކޮރެޔާގެ ޔުންހާބު ނޫސްއެޖެންސީ ބުނާގޮތުން އުތުރުން މި ޢަސްކަރީ ތަމްރީންތައް ހިންގުމަށް ތައްޔާރުވަމުން ދަނީ ރީނދޫ ކަނޑުގެ އައްސޭރިފަށުގަ އެވެ.
މިތަމްރީންތައް ހިންގުމަށްޓަކައި އުތުރުން ތައްޔާރުވަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާ އުތުރުން ހަނގުރާމައިގެ މަނަވަރުތަކާއި ވައިގެ ދިފާއީ ބާރުތަކާއި ބޮޑުބަޑިއާއި މިސައިލް ވެސް އެސަރަޙައްދުގެ އެއްގަމާއި ކަނޑަށް ޖަމާކުރަމުން ގެންދާކަމަށް ޔުންހާބު ނޫސް އެޖެންސީ ބުނެ އެވެ. އުތުރު ކޮރެޔާ އިން ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުން ހިންގި ޢަސްކަރީ ތަމްރީންތަކެއްގައި އޮޅިގެން ކަމަށްބުނެ ރީނދޫ ކަނޑުގައިވާ ދެކުނު ކޮރެޔާގެ ޔޮންގްބިޔޮން ޖަޒީރާއަށް ބޮޑުބަޑިން ޙަމަލާތަކެއްދީ ދެކުނުގެ ހަތަރު މީހަކު މަރާލާފަ އެވެ.
އުތުރު ކޮރެޔާއިން ދާދިފަހުން ވަނީ ދެކުނު ކޮރެޔާއަށާއި އެގައުމަށް ޢަސްކަރީ ގޮތުން ވާގިވެރިވާ އެމެރިކާއަށް އިސްވެ ޙަމަލާދޭން ޖެހިދާނެ ކަމަށްބުނެ ހަނގުރާމައިގެ އިންޒާރުތަކެއް ދީފަ އެވެ. އުތުރުކޮރެޔާއިން ފުޅާދާއިރާއެއްގެ ޢަސްކަރީ ތަމްރީންތަކަކަށް ތައްޔާރުވަމުންދާ ކަމަށް ދެކުނު ކޮރެޔާ ބުނާ އިރު ދެކުނު ކޮރެޔާއިން ވެސް ދާދިފަހުން ވަނީ އެމެރިކާއާ ގުޅިގެން އެއް މަސްދުވަހުގެ ޢަސްކަރީ ތަމްރީންތަކެއް އެއްގަމާއި ކަނޑާ އަދި ވައިގެމަގުން ކުރިޔަށް ގެންގޮސްފަ އެވެ. އުތުރުކޮރެޔާއިން ތައްޔާރުވަމުންދާ ކަމަށް ދެކުނުންބުނާ މިތަމްރީންތަކާބެހޭ ގޮތުން އެގައުމުން ވަކިއެއްޗެއް ހާމައެއް ނުކުރެ އެވެ.(ނޫސްއެޖެންސީތައް)