ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ރައްޔިތުންގެ މަޖިލިސް އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ހިނގައްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި އެއް މަސް ދުވަހުގެ ޗުޓީއަކަށް ދިޔައިރު މި ދައރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ހަތް ބިލެކެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލެވެ. އެ ތިން ބިލުވެސް މަޖިލީހުން ފާސްކުރެއްވީ ކޮމިޓީން ހުށަހަޅުއްވާފައިވާ ގޮތަށެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުން މިއަހަރު ފާސްކޮށްފައިވާ ބިލްތަކަކީ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ބިލާއި، ސިޔާސީ ޕާޓީ ތަކުގެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުން ނިމިގެން ދިޔައިރު މަޖިލީހުން ފާސްކޮށްފައިވާ އެހެނިހެން ކަންތައްތައްކަށް ބަލާއިރު އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ މުއްދަތު އިތުރުކޮށްދިނުމާއި، ސިވިލްސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމި ގޮތަށް އެ ކޮމިޝަން މެންބަރަކު އައްޔަން ކުރުމަށް މަޖިލީހުން ނިންމުމާއި، އަދި އާއިލާއާއި ބެހޭ ގަވާއިދަށް ގަވާއިދު ކޮމެޓީން ގެނައި ބަދަލު ގެނައުމަށް ކޮމެޓީން ނިންމި ގޮތަށް ފާސް ކުރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިމި އެއް މަސްދުވަހުގެ ޗުއްޓީއަކަށް ދިޔައިރު، ދެން މަޖިލީހުގެ ޖަލްސާއެއް ފެށޭނީ އަންނަ ޖޫން މަހުގަ އެވެ.