ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖެ އިން ބޭރަށް ކުރަން ޖެހޭ ދަތުރުތައް މި އަހަރުގެ ތެރޭގައި ނުކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ކަމާ ހުރިހާ އިދާރާތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ މިިގޮތަށް ހަމަޖެއްސެވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 16 އެޕްރީލްގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުން ރާއްޖެ އިން ބޭރަށްދާ ކުރާ ދަތުރުތަކުގެ ތެރެއިން ހުރިހާ ހަރަދެއް ބޭރުގެ އެހީގެ ދަށުން ހަމަޖެހޭ ދަތުރުތައް (ސްޓަޑީ ޓުއާ އާއި ޓްރެއިނިންގްތައް ހިމެނޭ ގޮތަށް) ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ދަތުރުތައް ކުރުމުގައި ވެސް ވީހާ ވެސް ހަރަދު ކުޑަކުރުމަށް ވަނީ އަންގައިފަ އެވެ.

ހިލޭ އެހީގެ ދަތުރުތައް ވެސް ކުރުމުގައި ކުރިއެކޭ ވެސް އެކަމަށް އެދި ހުއްދަ ހޯދައިގެން އެދަތުރުތައް ކުރުމަށް ވެސް ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.