23 Oct 2010, 13:33
އަންނަ އަހަރުގެ ފުރަތަމަ ޓާމްގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (އެމްސީއެޗްއީ) އިން ފެށުމަށް ހަމަޖެހިފައިވާ ކޯސަތަކާ ބެހޭ މައުލޫމާތު ދިނުމަށް "ފަހި ދުވަހު"ގެ ނަމުގައި ފެއާއެއް މިއަދު ހުޅުވައިފި އެވެ.
ފަހި ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ މެންދުރު ފަހު ދޭއް ޖެހިއިރު ޖަމާލުއްދީނު ސްކޫލު ފުރަގަހުގައި އޮންނަ އެ ކޮލެޖުގެ "ޖީ" ބްލޮކުގަ އެވެ.
ފެއާގައި ކޮލެޖަށް ވަންނަން އެދޭ ކުދިންނަށް ފޯމު ފުރައި ދިނުމުގައި އެހީތެރިވުމާއި ކޮލެޖަށް ވަންނަން އެދޭ ދަރިވަރުންގެ ސެޓްފިކެޓްތައް ހިލޭ އެޓެސްޓްކޮށްދިނުމާއި ސެޓްފިކެޓާއި އައިޑީކާޑުގެ ފޮޓޯ ކޮޕީ ނަގައި ދިނުމާއި ކެރިއާ ކައުންސިލިން ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްސީއެޗްއީން ބުނެ އެވެ.
އެ ފެއާގެ ބައިވެރިންނަށް މައުލޫމާތު ދެމުން ގެންދަނީ ކޮލެޖުގެ އެކަޑަމިކް މުވައްޒަފުންނާއި މިހާރު ކޯސްތައް ހަދަމުން އަންނަ ބައެއް ދަރިވަރުން ކަމަށް އެ ކޮލެޖުން ބުނެ އެވެ. ސްކޫލުތަކުގައި ކިޔަވުމުން އަންނަ ދަރިވަރުންނަށް ވެސް އެ ކުދިންނަށް މަތީ ތައުލީމު ހާސިކުރަން ހުރި ފުރުސަތުތައް އެ ފެއާ އިން އޮޅުން ފިލާނެތީވެ، ފެއާ އަށް ކިޔަވާ ކުދިން ވެސް ޒިޔާރަތް ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ކޮލެޖުން ބުންޏެވެ.
ފެއާ މިއަދު ހުޅުވާފައި ހުރީ މެންދުރު 2:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. ރޭގަނޑު 8:00 އިން ފެށިގެން 10:30 އަށް އަދި މާދަމާ މި ފެއާ ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރަ އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ.
މިއަދުގެ ހުޅުވުފެއަރ ގައި 15 ސްޓޯލް ބަހައްޓާފައިވެ އެވެ. އޭގެތެރެއިން 11 ސްޓޯލަކީ ފެކަލްޓީތަކުގެ ސްޓޯލެވެ. އަނެއް ތިން ސްޓޯލަކީ ތަފާދު ހިދުމަތްތައް ދިނުމަށް ބަހައްޓާފައިވާ ސްޓޯލް ތަކެކެވެ.