ގާނޫނުލް އުގޫބާތު ބިލުގައިވާ ހައްދުގެ މާއްދާ އަށް ހިޔާލު ހުށަހެޅުމަށް އެޗްއާރްސީއެމްގެ މެންބަރުންގެ ނިންމަވާފައި ނުވަނީސް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލު މަޖިލީހުގެ ކޮމެޓީއެއްގައި އެ މާއްދާ އަށް ހިޔާލު ހުށަހަޅުއްވުމުން އެ ކޮމިޝަންގެ ދެ މެންބަރަކު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ހައްދާ ގުޅޭ ގޮތުން ގާނޫނުލް އުގޫބާތަށް އިތުރު ކުރި މާއްދާގައި "ފަނޑިޔާރުންނަށް އިހްތިޔާރުތަކެއް ދީފައިވާ" ކަމަށް ބުނެ ގާނޫނުލް އުގޫބާތު ކޮމެޓީގައި ތޮލާލު ދެއްކެވި ވާހަކަފުޅާ މެދު ކަންބޮޑުވެވަޑައިގެން ވާހަކަފުޅު ދައްކެވީ އެ ކޮމިޝަންގެ ދެ މެންބަރުން ކަމުގައިވާ އަހުމަދު އަބްދުލް ކަރީމާއި ޑރ. އަލީ ޝަމީމެވެ.

ތޮލާލު ވިދާޅުވީ ކޮމެޓީގައި އޭނާ ދެއްކެވި ވާހަކަފުޅެއް ދައްކަވާފައި ވާނީ "ކޮމިޝަންގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައިގެން،" ކަމަށެވެ. އަދި ހައްދުގެ މާއްދާގައިވާ އިސްލާމީ އެއްވެސް ހުދޫދަކަށް އޭނާ ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށާއި ނަމަވެސް އެ މާއްދާ ކަންބޮޑުވާ އެންމެ ކަމެއް އެބަ އޮތް ކަމަށެވެ. އެއީ ދީނުގައިވާ ހައްދުގެ އުސޫލުތައް ގާނޫނުލް އުގޫބާތުގައި ކަނޑަނާޅައި ދީނުގެ ހުކުމްތަކާ އެއްގޮތަށް އަދަބު ކަނޑައެޅުމަށް ހުކުމް ކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފި ނަމަ "ތަފާތުތަކެއް ފެނިދާނެ" ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރޭ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ދިވެހިރާއްޖޭގައި ޕީނަލް ކޯޑުއޮންނަން ޖެހޭނީ. ޕީނަލް ކޯޑު ލިޔަން ވެސް ވާނީ ހައްދުތައް ވެސް ކޮޑިފައި ކުރަން. އެއީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރާ އުސޫލު ވެސް ލިޔެފައި ބޭއްވުމަށް،" ތޮލާލު ވިދާޅުވި އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި އެޗްއާރްސީއެމްގެ ދެ މެންބަރުން ކަމުގައިވާ އަހުމަދު އަބްދުލް ކަރީމާއި އަލީ ޝަމީމް ވިދާޅުވީ ގާނޫނުލް އުގޫބާތަށް ހިޔާލު ހުށަހެޅުއްވުމަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށް، ގޮތްތަކެއް ނިންމަވާފައިވާނެ ކަމަށާއި ނަމަވެސް ހައްދުގެ މައްދާއަށް އެއްވެސް ހިޔާލެއް ހުށަހެޅުއްވުމަށް އެޗްއާރްސީއެމުން ނިންމާފައި ނުވާނެ ކަމަށެވެ. އަދި ހައްދުގެ މާއްދާ އަށް ތޮލާލު ހިޔާލު ހުށަހެޅުއްވުމަކީ ކޮމިޝަންގެ ނިންމުމާ ހިލާފަށް ދެއްކެވި ވާހަކަފުޅެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އަހުމަދު އަބްދުލް ކަރީމާއި އަލީ ޝަމީމް ވިދާޅުވި އެވެ.

"ކޮމިޝަނުން އެ މާއްދާއަށް ކިހިނަކުންތޯ މަޝްވަރާ ކުރާނީ އެ މާއްދާގެ ސީޣާ ނުލިބި. އެ މާއްދާ އަޅުގަނޑުމެންނަކަށް ނުފެނިއެއް އެ މާއްދާއާ މެދު އަޅުގަނޑުމެންނަކަށް ގޮތެއް ނުކިޔޭނެ،" އަހުމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.

ޝަމީން ވިދާޅުވީ "ހައްދުގެ މާއްދާއާ މެދު ކޮމިޝަނުން ކޮންމެވެސް ވަރަށް ވާހަކަދެކެވުނު" ކަމަށާއި ނަމަވެސް ވަކިގޮތެއް ނުނިންމާ ކަމެއްގައި "ކޮމިޝަންގެ ފަރާތުން ހިޔާލު ފާޅު ކުރެއްވުމަކީ" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ވެސް ކޮމިޝަނުން ނުނިންމަވާ ކަމެއްގައި ވަކިއެއްޗެއް ވިދާޅު ނުވެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ ޑްރާފްޓުގެ އެންމެ ފަހު މާއްދާއަކަށް އިތުރު ކުރި މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށަކަށް ގާނުނުލް އުގޫބާތުގައިވާ ގޮތުގެ މަތިން މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ ހައްދު އެ މީހެއްގެ މައްޗަށް ގާއިމް ކުރަންވާނެ ކަމަށެވެ.

ގާނޫނުލް އުގޫބާތު ކޮމެޓީގެ މެންބަރުން ވިދާޅުވާ ގޮތުން އަތް ކަނޑަންޖެހޭ ފަދަ ވައްކަމެއް މީހަކުކޮށްފި ނަމަ އެ މީހެއްގެ އަތް ކެނޑުމަށް ހުކުމް ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދޭނެ ކަމަށެވެ.