29 Apr 2013, 17:11
ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ މުސާރައިގެ ސިޔާސަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވާލެއްވި މުސާރައިގެ ސިޔާސަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 61 މެމްބަރުން އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
މިއަދުގެ ޖަލްސާގައި އެ ބިލަށް ތިން އިސްލާހެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް ބިލް ފާސްކުރީ ބިލް ކޮމެޓީން ހުށަހެޅި ގޮތަށެވެ.
އަށާ ވީސް މާއްދާއެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި "ކޮންސިއުމާ ޕްރައިސް އިންޑެކްސް"އާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަން ޖެހެ އެވެ. އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށްވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ދިރިއުޅެން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިނާޔަތަތްތަކަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ލިބޭ އިނާޔަތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ދައުލަތައް ލިބިދޭ އާމްދަނީ އަށް ބަލައި މުޅި ދައުލަތުގެ މުވައްޒަފުންނަށް ކަނޑައަޅާ މުސާރައަކީ އިޖުތިމާއީ އަދި އިގްތިސާދީ އަދާލަތުގެ މިންގަނޑުން ބަލާ އިރު، ގައުމުގެ މުއްސަނދިކަން ވީހާ ވެސް ގިނަ ފަރާތްތަކަކަށް ބެހިގެންދާ ފަދަ މުސާރައެއް ކަނޑައަޅަންވާނެ ކަމަށް ޕޭ ކޮމިޝަނަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.