29 Apr 2013, 16:27
ގާނޫނީ ގޮތުން އުފެދިފައިވާ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ސިޔާސީ ޕާޓީތަކާ އެކު ދީނީ ތާކިހާ އަޅައިގެން ތިބި ބަޔަކު "ބަޣާވާތް" ކުރީ އިސްލާމް ދީން ވިއްކައިލައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ދޭތިން ފަހެތި" ކެންޕޭންގެ ދަށުން ރޭ ފ. ބިލެތްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ވަކިން ހާއްސަކޮށް ދަންނަ ބޭކަލުންނޭ ކިޔައިގެން ދީނުގެ ވާހަކަތައް ދައްކަން ފެށީމައި އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކާ ކުޅެލެވޭނެ ކަމަށެވެ. ނަމަވެސް ދީނީ ދަންނަ ބޭކަލުންނަކީ ސިޔާސީ ދުނިޔެވީ ކަންކަމާ ހެދި އުޅެންޖެހޭ ބައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުން ބަލައި ނުގަންނަ ކަމަށް ވިދާޅުވެ ނަޝީދުގެ ވާހަކަފުޅުގައި އަދާލަތު ޕާޓީއަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"ވެރިކަން ގަނޑުބަނޑުކޮށް އެ ވެރިކަން ގައިރު ގާނޫނީ ނުކުރެވޭނެ، ބަގާވާތަކީ އެއަށްވުރެ ވަކި ބޮޑު ހަރާމް ކަމެއް ނެތް ކަމެއް، ދީނީ ދަންނަ ބޭކަލުންގެ ނަމުގައި ތާކިހާ އަޅުއްވައިގެން ތިއްބަވައި އެބޭފުޅުން އެކުރެއްވީ ވަރަށް ބޮޑު ހަރާމް ކަމެއް، އަޅުގަނޑުމެން ދިވެހިން ހޭލަމުން މިއަންނަނީ، ދަންނަ ބޭކަލުންގެ ނަމުގައި މިދައްކަމުން އަންނަ ވާހަކަތަކެއް ދެނެއް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ކުދި ޕާޓީތައް އުފައްދަނީ އެއްވެސް ހާލެއްގައި ރައްޔިތުންގެ ފައިދާއަށް ނޫން ކަމަށާއި އެކަމުގެ ބޭނުމަކީ އެޕާޓީތަކުގެ އަމިއްލަ މަސްލަހަތާއި އެ ޕާޓީތަކުގެ ވިޔަފާރީތައް ހިފެހެއްުޓުމަށް އެ ޕާޓީތައް ދޮނލަނގަށް ލައިގެން ސަރުކާރަށް ވިއްކުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ޕާޓީއެއް މި އުފައްދަނީ ވަކި އުސޫލެއް ކަނޑައަޅައި އެކަން ގާއިމް ކުރުމުގެ ނިޔަތަކަ ނޫން، ބޭނުމަކީ އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތުތައް، ޕާޓީއެއްގެ ބޭނުމަކީ ތިމާގެ އަމިއްލަ ވިޔަފާރީގެ ބާރުވެރިކަން އެ ޕާޓީ މެދުވެރިކޮށްގެން ކުރުން، ވިޔަފާރީގެ މުއާމަލާތްތައް ހިންގާއިރު އެއް ފަރާތެއްގައި ސިޔާސީ ޕާޓީއެއް ބޭއްވުމުން ދެން ސަރުކާރަށް ވެސް މި ޖެހެނީ ދީލައިލަން،" ނަޝީދު ވިދާޅުވި އެވެ.
އިއްތިހާދުން މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުން ކަމަށާއި އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް އިއްތިހާދުން ދެއްކި ވާހަކަތަކުގެ ތެރެއިން "މިއަދު ނުވެފައި އެ ދުވަހު ވީ ކަމެއް ނެތް" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރު ވައްޓާކަން ދެއްކި ވާހަކަތަކުގެ ތެރެއިން އެއް ވާހަަކައަކީ ގިޔުާސުއްދީން ސްކޫލް ބޭރު ބަޔަކާ ހަވާލުކޮށްގެން ހިންގާ ވާހަކަތައް، މިހާރު އެ ބޭފުޅުންގެ ދަރިން ތިބީ އެ ސްކޫލްގައި، އެއީ އެ ސްކޫލްގެ ކިޔެވުން ރަނގަޅުވީމަ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ނަޝީދު ދެއްކެވި، އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށް ދެއްކެވި ވާހަކައެއް އާންމުވުމުންނެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް" ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.