ކޯޓު ތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފުލުސްއޮފީހަށް ހާޒިރުކޮށްފި އެވެ.

މިއަދު 2:15ގައި ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގެން ފުލުހުން ކުރެއްވި ސުވާލުތަކަށް ބަޔާން ދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ކުރީ އޭނާ ދެކޮޅަށް ޕީޖީ އޮފީހަށް ހުށަހެޅާފައިވާ މައްސަލާގެ ތަހުގީގަށް ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ޕީޖީއަށް މައްސަލަ ހުށަހަޅާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް އިންތި ވިދާޅުވި އެވެ.

އިންތިގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ މާޗް 14 ވަނަ ދުވަހު ރާއްޖެޓީވީ ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި އޭނާ ދެއްކެވި ވާހައަކުން ކޯޓުގެ ހުރުމަތް ކެނޑިއްޖެ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. އިންތި ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭ އެފަދަ މައްސަލަތައް ބެލުމަށް އެންގުމުގެ ބާރެއް ބާރެއް ނޯންނާނެ ކަމަށެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އެއްވެސް ހާލަތެއްގައި ނޯންނާނެ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަ ބެލުމުގެ ބާރެއް. އެބޭފުޅުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ތެރޭ މިސާލަކަށް ހިމެނެނީ ކޯޓުތަކަށް ބޭނުންވާ ގޮނޑި މޭޒު ހޯދުން. ކޯޓުތަކުގައި ކުލަ ލުންފަދަ ކަންކަން،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖުޑީޝަލް އެޑް މިނިސްޓްރޭޝަނުން އެފަދަ މައްސަލައެއް އޭނައާ ބެހޭ ގޮތުން ހުށަހެޅުމުގެ ބޭނުމަކީ އޭނާގެ އަނގަ ބަންދުކޮށްލުމެވެ.