29 Apr 2013, 14:55
ސަރުކާރާއި، ޖަމިއްޔާ އަދި ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ހިއްސާއާ އެކު، ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތް ހޯދުމާއި ގާއިމު ކުރުމަށްޓަކައި ހަރަދުކުރާނޭ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން "ހެލްތު ޓްރަސްޓް ފަންޑް"އެއް ގާއިމް ކޮށްފިއެވެ.
ޓްރޭޑާސް ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެފަންޑު ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކެވެ.
ފަންޑު އިފްތިތާހު ކޮށްދެއްވުމަށްފަހު އެރަސްމިއްޔާތުގައި ވާހަފަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެފަދަ ޓްރަސްޓް ފަންޑެއްގެ މުހިއްމުކަން ވަރަށް ބޮޑުކަމަށެވެ.
"މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. ސަބަބަކީ ރާއްޖޭގައި ސިއްހީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ލިބޭނޭ ފުރުސަތެއް ހުޅުވުމުގެ ގޮތުން މިއަދު ސިއްހީ ހިދުމަތުގެ ޓްރަސްޓު ފަންޑު އިފްތިތާކު ކުރީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށާއި އެގޮތަށް ދިމާވާން މެދުވެރިވަނީ، ދައުލަތުގެ ބަޖެޓް ކަނޑައެޅިގެން އަންނައިރު ސިއްހީ ދާއިރާއަށް ދޭންވާ އަހަންމިއްޔަތުކަން ފުރިހަމައަށް ނުދެވޭތީ ކަމަށެވެ.
"ހެލްތު ސެކްޓަރު ފައިނޭންސް ކުރުމާއި، އެކަން މެނޭޖު ކުރުމުގެ ކަންތައްތައް އަދި އަޅުގަނޑުމެންނަށް އެކަށީގެންވާހާ ރަނގަޅަށް ރޭވިފައެއް ނެތް. އަޅުގަނޑުމެންގެ މުޅިގައުމުގެ ބަޖެޓް ކަނޑައެޅިގެން އަންނައިރު، ހެލްތު ސެކްޓަރަށް ދޭންޖެހޭ އަހަންމިއްޔަތުކަން އަދިވެސް އަޅުގަނޑުމެންނަށް ނުދެވޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ދައުލަތުގެ މިއަހަރުގެ ބަޖެޓުގައިވެސް ސިއްހީދާއިރާއަށް 2.4 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައި ވީނަމަވެސް އޭގެ ތެރެއިން ބޮޑު ބައެއް ހަރަދު ކުރަން ޖެހޭނީ މުޅިން ސިއްހީ ކަންކަމަށް ނޫންކަމަށެވެ.
"ގާތްގަނޑަކަށް 2.4 ބިލިޔަން ރުފިޔާ ކަނޑައެޅިފައި އެބައޮވޭ ހެލްތު ސެކްޓަރުގެ ނަމުގައި. އެހެންވީމާ ބަޖެޓުގެ ވަރަށް ބޮޑުބައެއް ސިއްހީ ކަންކަމަށް ހޭދަވާކަމަށް ވިސްނި ވަޑައިގަންނަވާނީ. އެހެން ނަމަވެސް މިދެންނެވި ބަޖެޓުގެ ވަރަށް ބޮޑުބަޔަކީ މުޅިން ސިއްހީ ކަންކަމެއް ނޫން. އެނގިވަޑައިގަންނަވާނޭ ފަދައިން އެންސްޕާގެ ބަޖެޓުވެސް ހިމެނެނީ މިދެންނެވި 2.4 ބިލިޔަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި. އޭގެތެރޭގައި އެންސްޕާއިން ކަރަންޓަށް ސަބްސިޑީ ދިނުން ވެސް އެބަ ހިމެނޭ. އެކަނިވެރި މައިންނަށް ފައިސާ ދިނުންވެސް. މިހެންހުރި ކިތަންމެ ކަމެއް އެބަހުރި ސީދާ ހެލްތު ސެކްޓަރަށް ކުރަންޖެހޭ ހަރަދެއް ނޫންކަހަލަ ހަރަދު ތަކެއް" ރައީސް ވަހީދު ވިދާޅުވިއެވެ.
ސިއްހީ ހިދުމަތުގެ ޓްރަސްޓު ފަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޖަމްޝީދު އަޙްމަދު ވިދާޅުވީ، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީދާއިރާއަށް ބޭނުންވާ ވަސީލަތްތަކުގެ އަގު ބޮޑުވުން ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، މެޝިނަރީއާއި، އަދި އެހެނިހެން އާލާތްތައް ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ޖަމްޝީދުގެ ވާހަކަފުޅުގައިވެސް ފާހަގަ ކުރެއްވި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއަކުން ފަރުނުޖެއްސޭތީ، ސިއްހީ ދާއިރާއަށް ހަރަދު ކުރުމަށް ފައިސާ ހޯދުމަށްޓަކައި އިތުރު ގޮތްތަކެއް ހޯދަން ޖެހެއެވެ. އެގޮތުން މިފަދަ ފަންޑެއް ހުޅުވުމުގެ ފިކުރު ގެންގުޅުއްވަމުން ގެންދަވާތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތަކީ ވަރަށް ހިތްދަތި ވަރަށް ވޭންހުރި މަސައްކަތެއް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން އެތައް ރެއެއްގެ ނިދި ނަގައިލުމަށްފަހު މަޖިލީހުގެ މެންބަރުންނާއެކު އެތައް މަޝްވަރާއެއް ކުރުމަށްފަހު "ސިއްހީ ހިދުމަތް ނުހުއްޓި، ކިރިޔާ ހިފެހެއްޓޭ ވަރަށް" ބަޖެޓު ކުޑަ ކޮށްފައި ހުށަހެޅުމުން ވެސް މަޖިލީހުން ފާސް ވެގެން އައިއިރު އޮތީ އޭގެތެރެއިން 277 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަދުން ކަމަށެވެ. އެހެން ކަމުން އެގޮތަށް މަދުވާ މަދުވުން ފޫބެއްދުމަށްޓަކައި މިފަދަ ޓްރަސްޓު ފަންޑެއް ހުޅުވަން މަޖުބޫރުވީ ކަމަށެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ސިއްހީ ހިދުމަތުގެ ޓްރަސްޓު ފަންޑެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، ރައްކާތެރި ގޮތުގައި، މެދު ނުކެނޑި ހަރަދު ކުޑަކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދުމާއި ގާއިމު ކުރުން ކަމަށެވެ. އަދި އެފަންޑުގެ ހުރިހާ ކަމެއް މިނިސްޓްރީ އޮފް ހެލްތުގެ ފުރިހަމަ ބެލުމުގެ ދަށުން ދާއިރު ފަންޑުގެ ކަންތައް ބަލަހައްޓައި ރާވައި ހިންގުމަށްޓަކައި ފަންޑުގެ ޗެއާމަން (ސިއްހަތާބެގޭ ވަޒީރު) ކަނޑައަޅުންވާ ނުވަ މެންބަރަކު ތިއްބަވާނޭ ކަމަށެވެ.