މައްޗަންގޮޅީގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 108 ބިދޭސީން ހޯދައި އިމިގްރޭޝަނާ ހަވާލު ކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 27 ވަނަ ދުވަހުގެ 10:30 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން އުޅޭ ގެތަކެއް ބަލައި ފާސްކޮށްފައި ވާ ކަމަށެވެ. އެ ގޮތުން މައްޗަންގޮޅީގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައި ވާ ކަމަށެވެ. އެ ގެތަކުގައި ބިދޭސީންގެ އިތުރުން ދިވެހީން ވެސް ދިރިއުޅެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އިމިގްރޭޝަނާ ހަވާލުކުރި 108 މީހުންގެ ތެރެއިން 24 މީހަކު ގަވައިދާ އެއްގޮތަށް އުޅެމުންދާތީ އެ މީހުން ދޫކޮށްލައިފައިވާ ކަމަށެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ކުރީ ކޮޅު ވެސް ވަނީ މާރުކޭޓް ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ހޯދައިފައެވެ.

އެ އޮޕަރޭޝަނުގައި 57 ބިދޭސީއަކު މާރުކޭޓު ސަރަހައްދުން ނަގައިފައި ވެއެވެ.

އޮޑިދޯނިފަހަރުތަކާއި ހޮޓާތަކުގެ އިތުރުން ރަށްރަށުގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ އެތައް ބިދޭސީންނެއް އުޅެމުން ދެއެވެ.