29 Apr 2013, 14:27
ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލާ ދެކޮޅަށް ޢަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ވާހަކަ ދެއްކެވި ކަމަށް ބުނެ މަޖިލީހުގެ ކޮމެޓީއަކަށް އޭނާ ހާޒިރު ކުރާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީއަށް ޝެެއިޚް އިލްޔާސް ހުސެއިން ހާޒިރު ކުރާން ނިންމީ މިހާރު މަޖިލީހުން ދިރާސާ ކުރަމުން ގެންދާ ގާނޫނުލް އުގޫބާތުގެ ބިލަކީ "އިސްލާމް ދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ބިލެއް" ކަމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ފުރުގާން މިސްކިތުގައި ދެއްވި ދަރުހެއްގައި ވިދާޅުވެ، ހަގީގަތް އޮޅޭ ގޮތަށް ދަރުސް ދެއްވި ކަމަށް ބުނެއެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަބްދުﷲ ހުމައިދު "ސަން" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ޕާޓީން އެ ގޮތަށް ދެކެނީ އިލްޔާސް އެ ދަރުސް ދެއްވި ފަހުން މަޖިލީހުން އެ ބިލަށް މާއްދާއެއް އިތުރުކޮށް އެ ވާހަކަ މަތި ޖަހާން މަސައްކަތް ކުރިކަން އެނގިފައި ވާތީ ކަމަށެވެ.
".....އެއާ ޚިލާފަށް ޝެއިޚް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ މަޖިލީހަށް ހާޒިރު ކުރާން ޖެހޭ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ޝެއިޚް އެ ވާހަކަ ދެއްކެވީމާ އަޅުގަނޑުމެންނަށް އެނގުނު އެ ބޭފުޅުން އެއަށް އިތުރު މާއްދާއެއް ލައްވައިފައި އެ ދެއްކި ވާހަކަ މަތި ޖަހާން މަސައްކަތް ކުރިކަން،" ހުމައިދު ވިދާޅުވިއެވެ.
އެ ޑްރާފްޓަށް ދީނީ އިލްމުވެރީންގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށް ގާނޫނުލް އުގޫބާތު ކޮމެޓީން އެ ބިލަށް އިތުރު ކުރި މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑަ އަޅައިފައި ވާ ކުށެއް ސާބިތު ވެއްޖެ ނަމަ ގުރުއާނުގައި ކަނޑަ އެޅިފައި ވާ ހައްދު އެ މީހެއްގެ މައްޗަށް ގާއިމް ކުރާން ވާނެ ކަމަށެވެ.