މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތައް މި އަހަރުގެ ރޯދަ މަހަށް ކުއްޔަށް ދޫކުރާން މާލޭ ސިޓީ ކައުންސިލުން އިއުލާން ކުރުމާ ގުޅިގެން، އެކަން ގެންދަނީ އިންސާފުން ނޫން ކަމަށް ބުނެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ސިޓީ ކައުންސިލްގެ ގޯތި ތެރެއަށް ވަދެ މިއަދު އިހްތިޖާޖް ކޮށްފި އެވެ.

މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އިހްތިޖާޖަށް ނުކުމެ ތިބި މީހުންގެ ތެރޭގައި އިސްކޮށް ހުރި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އާ ވާހަކަ ދައްކަމުން ބުނީ މީގެ ކުރީން ވެސް މަސް މާރުކޭޓުގެ ކުރިމަތީން އޮންނަ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫ ކުރާން އިއުލާން ކުރުމަށް ފަހު އެ ގޮޅިތައް ދޫކޮށްފައި ވަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށާއި މި ފަހަރު ވެސް ހަމަ އެގޮތަށް ކަންތައް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މީގެ ކުރީން މަސް މާރުކޭޓު ކުރިމަތީން އެހެރަ ގޮޅިތައް ވެސް ކުއްޔަށް ދޫ ކުރާން އިއުލާން ކުރުމަށް ފަހު އެ އިއުލާން ބާތިލްކޮށް ހިތު ހުރިހާ ބަޔަކަށް ދިނީ. އަނެއްކާ މި ފަހަރު ވެސް ހަމަ އެގޮތަށް ކަންތައް ކުރާ ކަމުގެ މައުލޫމާތު އެބަ ލިބޭ،"އޭނާ ބުންޏެވެ.

އޭނާ ބުނީ މާލޭ ސިޓީ ކައުންސިލުން އެކަން އެ ގޮތަށް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަސްޖެހިފައިވާ ކަމަށާއި، އަދި މޭޔަރާ ބައްދަލު ކުރާން އެދުމުން މޭޔަރު އެ މީހުންނާ ބައްދަލުވެސް ނުކުރެއްވި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު މީޑިއާއަށް ވިދާޅުވީ މަސް މާރުކޭޓު ކުރިމަތީ ހުރި ގޮޅިތަކަކީ ދާއިމީ ގޮޅިތަކެއް ކަމަށާއި، އެ ގޮޅިތައް ވެސް ކުއްޔަށް ދޫކޮށްފައި ހުންނާނީ ގަވައިދުގެ ތެރެއިން އެންމެންނަށް އަންގައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކަކީ ވަގުތީ ގޮޅިތަކެއް ކަމަށެވެ. އަދި އެ ގޮޅިތަކަކީ އާއްމުކޮށް ކޮންމެ އަހަރަކު ވެސް ކުއްޔަށް ދޫކުރާ ގޮޅިތަކެއް ކަމަށާއި، އެކަން އެ ފަރާތްތަކަށް ވެސް އެނގޭނެ ކަމަށެވެ.

"މަސް މާރުކޭޓު ކުރިމަތީ އެހެރަ ގޮޅިތަކަކީ ދާއިމީ ގޮޅިތަކެއް. އެ ގޮޅިތައް ވެސް ކުއްޔަށް ދީފައި އެހެރީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެންމެންނަށް އަންގައިގެން. ދެން މި ގޮޅިތަކަކީ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ކުއްޔަށް ދޫކުރާ ގޮޅިތަކެއް. އަޅުގަނޑުމެން މި ފަހަރުވެސް ކަންތައް މި ކުރަނީ އެހެން އަހަރުތަކުގައި ވެސް ކަން ކުރާ ގޮތަށް. އެކަން އެ މީހުންނަށް ވެސް އެނގޭނެ،" އަލިބެ ވިދާޅުވިއެވެ.

މާލޭ ލޯކަލް މާރުކޭޓުގައި 163 ގޮޅި ހުންނަ އިރު އެ ގޮޅިތައް ކުއްޔަށް ދިނުމުގައި ބަލާ މިންގަނޑު ތަކުގެ ގޮތުގައި އަލިބެ ފާހަގަ ކުރެއްވީ، މާލޭގެ ރައްވެއްސެއް ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ ތަނެއްގައި ވަޒީފާގައި އުޅޭ މީހެއް ކަމުގައި ނުވުމުގެ އިތުރުން ދަނޑުވެރިކަން ކުރާތާ މަދުވެގެން އެއް އަހަރު ވެފައިވާ މީހެއް ކަމުގައި ވުމެވެ.