29 Apr 2013, 14:21
އިމްޕޯޓު އެކްސްޕޯޓް މުދަލާ ބެހޭ ޑިކްލަރޭޝަން ކަސްޓަމްސްގައި ޕްރޮސެސް ކުރުމަށް ބޭނުން ކުރާ "އެކްސްޕްރެސް ޗެނަލް"ގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
މިއަދު ތައާރަފް ކުރި އެކްސްޕްރެސް ޗެނަލްގެ ސަބަބުން މުދާ ޑިކްލަރޭޝަން ކުރުމަށް ކުރިން ނަގާ ވަގުތަށް ވުރެ ވަގުތު އަވަސްވެގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މުދާ ކްލިއާ ކުރުމަށް 2008 ވަނަ އަހަރު ތައާރަފް ކުރި ރިސްކް މެނޭޖްމަންޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތައާރަފް ކުރި އެކްސްޕްރެސް ޗެނަލްގެ ޚިދުމަތް ހޯދަން ކަސްޓަމްސް އަށް ވަކިން ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެ ޚިދުމަތުން އިތުރު ފީއެއް ވެސް ނުނަގާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސް އިން ބުނީ އެކްސްޕްރެސް ޗެނަލް މެދުވެރިކޮށް ޑިކްލެއާ ކުރާ މުދަލުގެ ކްރައިޓީރިއާތަކުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ނުހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ނަމަވެސް ސަރުކާރުގެ އާންމު އޮފީސްތައް އެ ކްރައިޓީރިއާގައި ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެކްސްޕްރެސް ޗެނަލްގެ ތެރެއިން ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ފެތޭ ޝިޕްމަންޓްތަކުގެ ލިޔެކިޔުން ނިންމުމަށް ހޭދަވާ ވަގުތު މިހާރަށް ވުރެ 75 ޕަސެންޓް ނުވަތަ ތިން ގަޑިއިރަށް ދަށް ކުރެވިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިހާރު އެ ޚިދުމަތް ދިނުމަށް 12 ގަޑިއިރު ހޭދަވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި އެކްސްޕްރެސް ނިޒާމުގެ ސަބަބުން ބާކީ ކުރާ ވަގުތާއި ވަސީލަތްތައް ބޭނުންކޮށްގެން އެކްސްޕްރެސް ނިޒާމަށް ޝަރުތު ހަމަނުވާ މުދަލުގެ ލިޔެކިޔުން ނިންމުމަށް މިހާރު ހޭދަވާ ވަގުތު 52 ޕަސެންޓަށް ދަށްކުރެވިގެން ދާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މިދިޔަ އަހަރު އެކަނި ވެސް 150،000 މުދަލުގެ ޑިކްލަރޭޝަން ކަސްޓަމްސް އަށް ހުށަހެޅި ޕްރޮސެސްކޮށްފައިވެ އެވެ. ކަސްޓަމްސް އިން ބުނީ އެފަދަ ލިޔެކިޔުން ނިންމުމަށް އާންމު ގޮތެއްގައި 12 ގަޑިއިރު ހޭދަވާ ކަމަށެވެ.