އަންނަ އަހަރުގެ ފްރާންސްގެ ރީތީގެ ރާނީ ކަމަށް ވާދަ ކުރާ ބައިވެރިން އަންނަ މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ކޮކޯޕާމް އައިލޭންޑް ރިސޯޓްސް އިން ބުނެފި އެވެ.


ކޮކޯޕާމް އިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު ބުނީ މިސް ފްރާންސް އަށް ވާދަކުރާ ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހުނީ އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ހުޅުވާލި ބީލަމެއް ރާއްޖެ ކާމިޔާބުކޮށްގެން ކަމަށެވެ. ބީލަމުގައި ރާއްޖެ އާ ވާދަކުރި ގައުމުތަކުގެ ތެރޭގައި ސީޝެލްސް ވެސް ހިމެނޭ ކަމަށް ކޮކޯޕާމުން ބުނެ އެވެ.


މިސް ފްރާންސަށް ވާދަކުރާ 33 އަންހެން ކުދިން ރާއްޖެ އައުމަށް ހަމަޖެހި ވަނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. އަދި އަންނަ މަހު 18 އާ ހަމަ އަށް ކޮކޯޕާމްގެ ބޮޑު ހިތި އައިލޭންޑް ރިސޯޓުގައި އެ މީހުން ތަފާތު ހަރަކާތްތަކެއް ހިނގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮކޯ ޕާމުން ބުނެ އެވެ. އޭގެ ތެރޭގައި ފެޝަން ޝޯތަކާއި ފޮޓޯ ސެޝަންތައް ހިމެނެ އެވެ.


މިސް ފްރާންސް އަށް ވާދަކުރާ އެއްވެސް ބައިވެރިއެއްގެ ފޮޓޯ ހުއްދައާ ނުލައި އިންޓަނެޓް ވެބްސައިޓްތަކުގައި ޝާއިރުކުރުމަކީ މަނާކަމެއް ކަމަށް ވެސް ކޮކޯ ޕާމުން ބުންޏެވެ.


ރާއްޖެ އަންނަ 33 ކުދިންނާ އެކު މިސް ފްރާންސް 2009 އަށް ހޮވުނު ޗޯލޭ މޯޓާޑް އާއި މިސް ފްރާންސް 2010 އަށް ހޮވުނު މަލިކާ މެނާޑް އަންނާނެ ކަމަށް ކޮކޯ ޕާމް އައިލޭންޑް ރިސޯޓުން ބުންޏެވެ.