ހުސްވި މާޗް މަހުގެ ތެރޭގައި މުޅި ރާއްޖޭގެ ތަކެތީގެ އަގުތައް ނޫނީ އިންފުލޭޝަން 0.50 ޕަސެންޓް މައްޗަށް އުފުލިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން މިއަދު އާންމުކޮށްފައިވާ މާޗް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ތަކެތީގެ އަގުތައް އުފުލޭ މިންގަނޑު) އިން ދައްކާގޮތުން މިދިޔަ ފެބުރުއަރީ މަހާ އަޅާ ބަލާއިރު މިދިޔަ މާޗް މަހުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.50 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. ފެބުރުއަރީ މަހުގެ ތެރޭގައި އިންފުލޭޝަން ރޭޓް ވަނީ 0.20 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓަށް ބަލާ އިރު 2012 ވަނަ އަހަރުގެ މާޗް މަހުން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ އިންފުލޭޝަން ރޭޓް ވަނީ 4.77 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ. ފެބުރުއަރީ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓް ހުރީ 4.43 ޕަސެންޓްގަ އެވެ.

މިދިޔަ މާޗް މަހުގެ މުޅި ރާއްޖޭގެ އިންފުލޭޝަންގެ ތެރެއިން މަތިވެފައިވާ ބައިތަކަށް ބަލާ އިރު ގެސްޓް ހައުސްތަކްގެ ވިޔަފާރިން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމުގެ ބައިން 3.35 ޕަސެންޓް އިންފުލޭޝަން ރޭޓް މަތިވެފަިއވާ އިރު ގެދޮރު މަރާމާތްކުރުމުގެ ބައިން ވަނީ 3.20 ޕަސެންޓް އިންފުލޭޝަން މަތިވެފަ އެވެ. އަދި މަހުގެ ބާވަތްތަކުގެ ބައިން 2.70 ޕަސެންޓް އިންފުލޭޝަން ރޭތް މަތިވެފަިއވާ އިރު ތަރުކަރީގެ ބައިން 1.97 ޕަސެންޓް އަދި ޕެޓްރޯލާއި ޑިސަލްގެ ބައިން 1.69 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހުގެ އިންފުލޭޝަން ރޭޓް ދަށްވެފައިވާ ދާއިރާތަކަށް ބަލާ އިރު އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ މޭވާގެ ބާބަތްތަކުގެ ބައިންނެވެ. އެގޮތުން އެބައިން 2.32 ޕަސެންޓް އިންފުލޭޗަން ދަށަށްގޮސްފައިވާ އިރު ވައިގެ ދަތުރުފަތުރުގެ ބަިއން ވަނީ 1.11 ޕަސެންޓް އަދި މުވާސަލާތީ ބައިން ވަނީ 0.60 ޕަސެންޓް އިން ފުލޭޝަން ރޭޓް ދަށަށްގޮސްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.50 ޕަސެންޓް މައްޗަށް ގޮސްފައިވީ ނަމަވެސް އެއީ އިންފްލޭޝަން ރޭޓް މީގެ ކުރިން މަތިވެފައިވާ މިންވަރާ އަޅާބަލާ އިރު ކުޑަ މިންވަރެކެވެ.