ހއ. އަތޮޅު ދިއްދޫގައި ބޭއްވި އަތޮޅު ސްކޫލްތަކުގެ ގުރުއާން މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ނަތީޖާ ފާޅުކުރަން ބޭއްވި ޖަލްސާގައި ބައިވެރިނުވެ އެ މުބާރާތުގައި ބައިވެރިވި ހއ. މާރަންދޫގެ ޓީމު އެނބުރި ރަށަށް ހިނގައްޖެ އެވެ.

ހަ ރަށުން ބައިވެރިވެ، މި މަހު 25-27ގެ ނިޔަލަށް ބޭއްވި ހއ. އަތޮޅު ސްކޫލްތަކުގެ ގުރުއާން މުބާރާތާ ބެހޭ ގޮތުން ސަންއަށް ދެއްވި އިންޓަވިއުއެއްގައި މާރަންދޫ ކައުންސިލްގެ ރައީސް ހަސަން ރިޒާ މިއަދު ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވި އެ ރަށުގެ ޓީމުން އެނބުރި ރަށަށް ދިޔައީ މުބާރާތުގެ ތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރެގެން ކަމަށެވެ. އޭގެތެރޭގައި އެންމެ ބޮޑު އެއް މައްސަލައަކީ އަތޮޅު މުބާރާތުގެ ޖަޖުންގެ ގޮތުގައި ބައިވެރިވި އެއް ބޭފުޅަކު ހޯރަފުށިން އެ މުބާރާތަަށް ކުދިން ހޮވުމަށް ބޭއްވި މުބާރާތުގައި ކިޔަވަދޭން ދިޔަ ބޭފުޅަކު އެ މުބާރާތް ޖަޖު ކުރުމަށް ކަނޑައެޅުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯ[އެންމެ ބޮޑު މައްސަލައަކީ] އިޝޫއަކީ އަތޮޅު މުބާރާތުގެ ޖަޖުންގެ ތެރެއިން އެއް ބޭފުޅަކު މި މިބާރާތުގައި ބައިވެރިވި ރަށްތަކުގެ ތެރެއިން ރަށެއްްގައި މުބާރާތަށް ކުދިންނަށް ކިޔަވާދިނުމަށް ހަރަކާތްތެރިވި މައްސަލަ. އަނެއް ކަމަކީ މުބާރާތުގެ ނަތީޖާއާ ގުޅޭ މައުލޫމާތުތައް މާކުރިން ފެތުރިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އަޅުގަނޑުމެންގެ އިތުރުން ކޮންމެ އަހަރަކު ވެސް މި މުބާރާތުގައި ބައިވެެރިވާ ބޮޑެތި ރަށްތަކުގެ ތެރޭގައި މުބާރާތާ މެދު ވަނީ ޝައްކުތައް އުފެދިފައި. އަޅުގަނޑުމެން ޓީމަށް ފެނުނީ މި ފަހަރު މި މުބާރާތުގައި ބައިވެރިވި ކުދިންނަށް މުބާރާތުގެ ނަތީޖާ ނުފެނުނު ތަން،" ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސްކޫލުން މި އަހަރުގެ މުބާރާތަށް ތައްޔާރުވީ ވަރަށް ތަފާތު ބޮޑުކޮށް ކަމަށާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އެކްރެޑިޓްކޮށްފައިވާ ކޯސް ފުރިހަމަކޮށްފައިވާ ކުދިން ވެސް އެރަށުން މުބާރާތުގައި ބައިވެރިކޮށްފައިވާނެ ކަމަށެވެ.

"އެހެންވެ އިންސާފުން ބޭރުން ކަންތައްތަކެއް ކުރިއަށް ގެންދިޔަކަން ކުދިންނަށް އެނގި ގުރުއާނާ މެދު އެ ކުދިންގެ ހިތްތަކުގައި ފޫހިވެދާނެ ކަމުގެ ބިރު ހީވެގެން އަޅުގަނޑުމެން އެނބުރި ދިޔައީ،" މާރަންދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މާރަންދޫގެ އިތުރުން މުބާރާތުގައި ބައިވެރިވި އެހެން ބައެއް ރަށްރަށުން ވެސް ގެންދަނީ މުބާރާތާ މެދު ކަންބޮޑުވުން ފާޅުކޮށް އަލުން އެ މުބާރާތް ބާއްވައިދިނުމަށް އެދި އަތޮޅު ކައުންސިލަށް ހުށަހަޅަމުންނެވެ.

އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ރިޝްވާން ވިދާޅުވީ މުބާރާތުގެ ކަންތައްތައް ހިނގާ ދިޔަ ގޮތް ކައުންސިލުން މިވަގުތު ބަލަމުންގެން ދާތީ އެކަމާ ބެހޭ ގޮތުން މީޑިއާ އަށް އެއްވެސް އެއްޗެއް ވިދާޅުވާން އަދި ބޭނުންފުޅު ނުވާ ކަމަށެވެ.

ހއ. އަތޮޅު މަދަރުސާތަކުގެ މި އަހަރުގެ މުބާރާތުން އެއް ވަނަ އަށް ގޮސްފައި ވަނީ ހޯރަފުށީ ސްކޫލެވެ. އެ ސްކޫލްގެ ނުވަ ދަރިވަރަކަށް ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.