29 Apr 2013, 13:16
ބޭރު ގައުމުތަކުގެ އެހީގައި ދިވެހިސަރުކާރުން ރާއްޖެއިން ބޭރަށް މަތީ ތަޢުލީމް ހާސިލް ކުރުމަށް ފޮނުވާ ދަރިވަރުންނަށް އެހީ ވުމުގެ ގޮތުން ސަޕްލިމެންޓަރީ އެހީގެ ނަމުގައި ލޯން ސްކީމް ތައާރަފް ކޮށްފި އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖެއަށް ލިބޭ ސްކޮލާޝިޕްތަކުގައި ކިޔަވާން ދިއުމުގެ ފުރުސަތު ލިބޭ ކުދިންނަށް ހާއްސަ ކޮށްގެން ސަޕްލިމެންޓްރީ އެހީގެ ނަމުގައި ލޯން ސްކީމެއް ތައާރަފް ކުރުމުގެ މަގުސަދަކީ ބޭރު ގައުމުތަކުން ރާއްޖެއަށް ދޭ ސްކޮލާޝިޕްތަކުގައި ކިޔަވާން ދާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތައް ހައްލު ކޮށްދިނުން ކަމަށާއި މިއީ އެ ގޮތުން ތައާރަފް ކުރާ ލޯން ސްކީމެއް ކަމަށެވެ.
"ބައިލެޓެރަލް އެހީގެ ދަށުން ރާއްޖެއަށް ލިބޭ ސްކޮލާޝިޕްތަކުގެ ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނަށް މާލީ ގޮތުން ދިމާވާ ދަތިތައް ލުއި ކޮށްދީ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ލޯންގެ ގޮތުގައި ސަޕްލިމެންޓްރީ އެހީ ދިނުމަށް މިހާރު ވަނީ ނިންމައިފައި. އެކަންތައް މިހާރު ވަނީ ހަމަޖެހިފައި. " ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އައިމިނަތު އަލީ ވިދާފާޅުވީ ބޭރު ގައުމަތަކުން ރާއްޖެއަށް ލިބޭ ސްކޮލާޝިޕްތަކުގެ ހުރިހައި ހަރަދެއް ހަމަޖައްސައި ދެނީ އެ ސްކޮލާޝިޕް ދޭ ގައުމަކުން ކަމަށެވެ. އެހެންނަމަވެސް ބައެއް ފަހަރު ބައެއް ގައުމުތަކުން ދޭ ސްކޮލާޝިޕްތަކުގައި ކޯހަށް ކަނޑައަޅާފައިވާ ހަރަދަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެހެން ކަމުން މިފަދަ ލޯން ސްކީމެއް ތައާރަފް ކުރުމުން ބޭރު ގައުމުތަކުން ދޭ ސްކޮލާޝިޕްތަކުގައި ކިޔަވާން ދާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ ސަޕްލިމެންޓަރީ އެހީގެ ދަށުން ލޯނު ނަގާ ދަރިވަރުންނަށް އެ ނަގާ ލޯނަށް ވުރެ އިތުރު ހަރަދެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ސަޕްލިމެންޓަރީ އެހީގެ ދަށުން ދޫކުރާ ލޯނުގައި އެއްވެސް ކަމިޝަނެއް އަދި އެއްވެސް އިންޓަރެސްޓެއް ހިމެނިފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަޕްލިމެންޓަރީ އެހީގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަބަދު ވެސް އޮންނާނެ ކަމަށް އައިމިނަތު އަލީ ވިދާޅުވި އެވެ.