ދިރުވާލައިގެން މަސްތުވާ ބޭސް ކުޅުދުއްފުއްޓަށް ގެންދިޔަ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ ލޯންލީ ހާޓް މުއާޒު އަބޫބަކުރުގެ މައްޗަށެވެ.

އެ ހުކުމް އޭނާގެ މައްޗަށް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ އިރުއޮއްސުނު ވަގުތު "ބާދުޝާހު" ބޯޓުން މުއާޒު ކުޅުދުއްފުއްޓަށް ދިޔުމުން ފުލުހުން އޭނާ ހައްޔަރުކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް އޭނާ ބޮޑުކަމު ދިޔަ ތަކެތި ޗެކްކުރި އިރު މަސްތުވާ ބޭސްތަކެއް ފެނިފައިވާތީ އެވެ.

އޭނާ ބޮޑުކަމުދިޔަ ތަކެތި ފުލުހުން ޗެކްކުރި އިރު ރަތްކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެތީގެ ތެރެއިން ފެނުނު ރަބަރު ޕެކެޓުގައިވާ ތަކެތި ތަހުލީލު ކުރި އިރު 0.0990 ގްރާމް ބެންޒޯޑައިޒީޕައިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެތަކެއްޗަކީ ބޭނުންކުރުމަށް ގެންގުޅުނު އަމިއްލަ ތަކެތި ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.