ޕޮލިސް ކްލަބާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ވޮލީ ކޭމްޕެއް ފަށައިފިއެވެ.

މި އެޕްރީލް މަހުގެ 25 ވަަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޮލީ ކޯޗިން ކޭމްޕަކީ ހުރިހާ އުމުރުު ފުރާއަކަށް ބައިވެރިވެވޭގޮތަށް ދެ ޖިންސް ވަކިން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޯޗިން ކޭމްޕްގައި ކިޔަވައި ދެއްވަނީ ޕޮލިސް ކުލަބުގެ ދެ ކޯޗުންކަމަށްވާ ޕޮލިސް ލ. ކޯޕްރަލް މައުމޫރު މުހައްމަދު އާއި ޕޮލިސް ލ. ކޯޕްރަލް ހުސައިން ހަމީދުއެވެ.

ވޮލީ ކޭމްޕް ފެށުމުގެ ގޮތުން ފ. ދަރަނބޫދޫ ވޮލީ ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ. ދަރަނބޫދޫ އިމާމު އަބްދުލް އަޒީޒް އެވެ.

އެ ރަސްމިއްޔާތުގައި އަޒީޒް ދެއްކެވި ވާހަކައިގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުމަކީ ކޮންމެ އިންސާނަކުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމުކަމެއް ކަމަށާއި އެ ކޯޗިން ކޭމްޕަކީ ކާމިޔާބު ކޭމްޕަކަށް ހެދުމަށް ހުރިހާ ބައިވެރިން މަސައްކަތްކޮށްދިނުމަށް އެދިލެއްވިއެވެ. އަދި އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަވާކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިންގުންތެރި ވެރިންނަށާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ޝުކުރު އަދާކުރެއްވި އެވެ.