އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ސުވާންސީ ބައްދަލުކުރި މެޗު، ދޭއް ސުމަކުން ކާމިޔާބުކޮށް ޗެލްސީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގެ ދެލަނޑުވެސް ޗެލްސީއިން ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު 43 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެމްބޯބާ އޮސްކާ އެވެ. ރަމިރޭސްގެ ބަދަލުގައި މެޗުގެ 24 ވަނަ މިނިޓުގައި ކުޅެން ނުކުތް ފްރޭންކް ލަމްޕާޑު ސުވާސީގެ އޭރިޔާތެރެއަށް ފޮނުވާލި ހިލޭ ޖެހުމެއް، އޮސްކާ ފޮނުވާލީ ސުވާންސީގެ ގޯލްގެ ތިރީ ކަނަށެވެ. ޗެލްސީގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލަމްޕާޑު އެވެ. އަދި އެ ލަނޑަކީ އޭނާ ޗެލްއަށް ކާމިޔާބުކޮށްދިން 201ވަނަ ލަނޑެވެ. އިތުރަށް އެއްލަނޑު ކާމިޔާބު ކުރުމުން ޗެލްސީ އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ބޮބީ ޓަމްބްލިންގެ 202 ލަނޑުގެ ރެކޯޑާ ހަމަ ކުރެވޭނެ އެވެ.

ރޭގެ މެޗުން މޮޅުވުމުން ޗެލްސީއަށް ވަނީ 65 ޕޮއިންޓު ލިބި ތާވަލުގެ ތިންވަނަ ލިބިފަ އެވެ. އަދި ހަތަރުވަނައިގައި އާސެނަލް އޮތީ 64 ޕޮއިންޓާއެކުގަ އެވެ. ޗެމްޕިއަންސް ލީގުގެ ފުރުސަތެއް ހޯދުމަށް ޓަކައި ގަދަ ހަތަރެއްގެ ތެރޭގައި ހިމެނެން ޖެހޭ އިރު ޔޫރޮޕާ ލީގު ކާމިޔާބު ކުރެވިއްޖެ ނަމަވެސް ޗެލްސީއަށް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. ތާވަލުގެ ކުރީގައި 85 ޕޮއިންޓާއެކު ލީގު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އޮތް އިރު ދެވަނައިގައި 71 ޕޮއިންޓާ އެކު އޮތީ ސިޓީ އެވެ.

ރޭގެ މެޗުން މޮޅުވުމުން ޗެލްސީގެ ވަގުތީ ކޯޗު ރަފާ ބެނިޓޭޒް ވަނީ އޭނާގެ ކުޅުންތެރިންނަށް ތައުރީފުކޮށްފަ އެވެ. އަދި ހާއްސަކޮށް ލަމްޕާޑުގެ ކުޅުން އޭނާ ފާހަގަ ކުރި އެވެ.