29 Apr 2013, 11:46
ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ހާއްސަކޮށްގެން 18.9 މިލިޔަން ރުފިޔާގެ ލޯން ސުކީމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މިއަދު ހުޅުވާލައިފި އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ އެ ލޯން ސްކީމްގެ މަގުސަދަކީ މިހާރު ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މާލީ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލި ލޯން ސްކީމެއް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ހުޅުވާލާ ލޯން ސްކީމަކީ މިހާރު ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން ނުވަތަ އޮންގޮއިން ސްޓޫޑެންޓްސްގެ ތެރެއިން މާލީ ދަތިކަމާއި އަދި ވެސް ތަފާތު އެކި ސަބަބުތައް ކުރިމަތިވުމުގެ ސަބަބުން ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުން ނުވަތަ ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުން އެ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ލޯން ސްކީމެއް. މިއީ 18.9 މިލިޔަން ރުފިޔާގެ ލޯން ސްކީމެއް،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އައިމިނަތު އަލީ ވިދާޅުވީ މިއަދު ހުޅުވާލި ލޯން ސްކީމްގެ ދަށުން 300 ދަރިވަރުންނަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 169 ދަރިވަރުންނަށާއި އަދި ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 140 ދަރިވަރުންނަށް ކަމަށެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ މި ލޯން ސްކީމްގެ ދަށުން ފުރުސަތު ދެވޭނީ ކިޔަވަމުންދާ ކޯހުގެ ފުރަތަމަ ސެމިސްޓާ ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ކަމަށެވެ. އަދި ވިދާޅުވީ ދަރިވަރުން ދައްކަން ޖެހޭ ލޯންގެ މުުއްދަތު ކަނޑައަޅާނީ އެ ދަރިވަރަކު ނަގާ ލޯންގެ އަދަދަށް ކަމަށާއި ލޯން ދެއްކުމަށް ގިނަވެގެން ދެވޭނީ 10 އަހަރު ދުވަހުގެ މުއްދަތު ކަމަށެވެ.
މިއަދު ހުޅުވާލީ ލޯން ސްކީމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އައިމިނަތު އަލީ ވިދާޅުވި އެވެ. އަދި ލޯން ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭ ކުދިން ޖޫން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.