ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްއާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކު މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހު، ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވޯޓު ދީގެން ކޮމެޓީން މިއަދު ބޭރުކޮށްލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ސްޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނިކޮށް، ސިއްރު ވޯޓު ނެގޭ ގޮތަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ނާޒިމް ރަޝާދު ހުށަހެޅުއްވި އިސްލާހު ކޮމެޓީން ބޭރުކޮށްލީ އެ އިސްލާހާ ދެކޮޅު އިސްލާހެއް ފާސްކޮށްގެންނެވެ.

އިތުބާރު ނެތް ކަމުގެ ވޯޓުތައް ނެގުމުގައި މަޖިލީހުން އަމަލު ކުރަމުން އައި ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ފާސްވީ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ހަތަރު މެންބަރަކު ވޯޓު ދެއްވައިގެންނެވެ.

އެ މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި މެދުހެންވާރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމެވެ. އަބްދުﷲ އަބްދުއްރަހީމް އެ ކޮމެޓީގެ މުގައްރިރެވެ. އޭނާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ މެންބަރުންގެ ވޯޓު އެއްވަރުވުމުންނެވެ.

ސްޕްރީމް ކޯޓުން ހުކުމް ކުރި ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ދެކޮޅު ހެއްދެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުންނެވެ. އެއީ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.

އާންމު ކޮމެޓީއަކީ ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮތް ކޮމެޓީއެކެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީޕީއެމްގެ ތިން މެންބަރުންނާއި ޑީއާރްޕީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ އިތުރުން އަމިއްލަ މެންބަރެކެވެ.

މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ވޯޓުތަކެއްގެ ގޮތުގައި ނުނެގުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 14ގަ އެވެ. ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ އިތުބާރު އޮތް ތޯ ބެލުމަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ގެނެސްފައިވާ ބާތިލް އިސްލާހެއް ކަމަށެވެ.