އައިޖީއެމްއެޗްގައި ހުންނަ ބޭސް ފިހާރަ އެހެން ދިމާލަކަށް ބަދަލުކޮށް ޕާޓްނާޝިޕް އުސޫލުން ހިންގައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ހެލްތު ކޯޕްރޭޝަނުން އިއުލާނުކޮށް ބީލަމަށް ހުޅުވާލައިފި އެވެ.


އައިޖީއެމްއެޗްގެ ސީއީއޯ ޒުބެއިރު މުހައްމަދު މިއަދު ވިދާޅުވީ އައިޖީއެމްއެޗުގެ އިމަޖެންސީ ސަރަހައްދުގައި މިހާރު އެސްޓީއޯ އިން ހިންގާ ބޭސް ފިހާރަ އެހެން ސަރަހައްދަކަށް ބަދަލު ކުރުމުން ޖާގައިގެ ދަތިކަން ވެސް ފިލައިގެން ދާނެ ކަމަށެވެ.   


"ޖާގައިގެ ދަތިކަން ވެސް ފިލާނެ ބޭސް ފިހާރަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުން. ބޭސް ފިހާރަ ބަދަލުކުރާނީ އައިޖީއެމްއެޗް ގޯތިތެރެއިން ކޮންމެވެސް އެހެން ދިމާލަކަމަށް،"


ޒުބޭރު ވިދާޅުވީ އެ ބޭސް ފިހާރަ ބިޑުކުރުމަށް މާލޭ ހެލްތު ކޯޕުރޭޝަނުން ނިންމާފައި ވަނީ އެސްޓީއޯ އިން އެ ބޭސް ފިހާރަ ހިންގަމުން އަންނަނީ އެއްވެސް އެގްރިމަންޓަކާ ނުލައިކަމަށް ވާތީ އެއީ ރަނގަޅު ގޮތެއް ކަމަށް އެ ބޯޑަށް ނުފެންނާތީ ކަމަށެވެ.


"އެސްޓީއޯ އިން އެތަން ހިންގަމުން ގެންދަނީ އެއްވެސް އެއްބަސްވުމެއްނެތި. އަޅުގަނޑުމެންގެ ބޯޑުން ނިންމީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް."