29 Apr 2013, 10:51
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް) އަށް މިވަގުތު ދިމާވެފައިވާ ފައިސާގެ ދަތިކަން ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖޯޒެފް ސެޕް ބްލެޓާ ވިދާޅުވި ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހާނިމް މިހެން ވިދާޅުވީ ފީފާގެ ރައީސް ޖޯޒެފް ސެޕް ބްލެޓާ ދެއްވި ދައުވަތަކަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާ އެކު ހުސްވި ހަފްތާގެ ބުދަ ދުވަހު ހާނިމް ސްވިޒަލޭންޑަށް ކުރެއްވި ދަތުރަށްފަހު އެވެ. އަދި އެދަތުރު ނިންމާލުމަށް ފަހު އިލްހާމްއާ ހާނިމް މާލެ އައިސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ސަންއަށް ދެއްވި އިންޓަވިއުގައި ހާނިމް މިއަދު ވިދާޅުވީ، ބްލެޓާގެ ދައުވަތު ގަބޫލް ކުރައްވައި ސްވިޒަލޭންޑަށް ކުރެއްވި އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި އެގޮތުން އެ ދަތުރުގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ދިމާވެފައިވާ ފައިސާގެ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި މަށެވެ.
"އެފްއޭއެމްއަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމަށް ބްލެޓާ ވިދާޅުވި. ބްލެޓަ ވިދާޅުވީ ދަތިވާ ކަންތައްތަކުގެ ޕްރޮޕޯސަލްއެއް ހަދާފައި ފީފާ އަށް ވީއެންމެ އަވަހަކަށް ފޮނުވުމަށް." ހާނިމް ވިދާޅުވި އެވެ.
ހާނިމް ވިދާޅުވީ ބްލެޓާއާ އެކު މައިގަނޑު ތިން ކަމަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން އެ ތިން ކަމަކީ މިހާރު އެސޯސިއޭޝަން އޮތް ހާލަތާއި މުސްތަގްބަލާ ބެހޭ ގޮތުން އަދި ހުރި ޕްރޮގްރާމްތައް އިތުރަށް ތަރައްގީކޮށް ކުރިއަށްގެންދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
"އެސޯސިއޭޝަންގެ އިމާރާތުގެ ހާލަތާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރިން. ރާއްޖޭގެ ފުޓްބޯޅަ ދަނޑުތައް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ހެދުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކިން. އަދި ގަލޮޅު ދަނޑުގައި ފެންސް ޖެހުމުގެ ވާހަކަ ވެސް ދެއްކިން. އަދި މަޝްވަރާ ބައްދަލުވުމަށް ފަހު ބްލެޓާ ރާއްޖެ ޒިޔާރަތް ކުރެވެއްވުމަށް ދައުވަތު އެރުވިން." ހާނިމް ވިދާޅުވި އެވެ.
ފީފާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ބްލެޓާ ހޮވިފައި ވަނީ، 1998 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ފީފާގައި މަސައްކަތް ކުރައްވަމުންނެވެ.