އދ. އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ރެޒިޑެންޓް ކޯޑިނޭޓާ މރ. އެންތަނީ ލައިލް، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދަށް އިއްޔެ އަރުއްވައިފި އެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުއްވުމަށް ޓަކައި ބޭއްވެވި ރަސްމިއްޔާތުގައި އާ ރެޒިޑެންޓް ކޯޑިނޭޓަރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ، މަރުޙަބާ ދެންނެވި އެވެ.

އެބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެކި މުއައްސަސާތައް ހަރުދަނާ ކުރުމަށް ބޭނުންވެފައިވާ އިޞްލާޙުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިޞްލާޙީ މަސައްކަތުގައި އދ.އާ އެކު މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވި އެވެ. އަދި ޚާއްޞަކޮށް، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައި އޮތީ، މާލީގޮތުން ދަތި ދުވަސްވަރެއް ކަމުގައި ވިދާޅުވެ، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މާލީ ބިލްތަކުގެ މަޢުލޫމާތު، ރެޒިޑެންޓް ކޯޑިނޭޓަރަށް ދެއްވި އެވެ. އަދި ރާއްޖޭގެ ކަންކަން ހަމައަކަށް އަޅުވައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި އދ.ގެ އެއްބާރުލުން ލިބޭނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، އެކި ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް އާ ރެޒިޑެންޓް ކޯޑިނޭޓާ ތަޢުރީފް ކުރެއްވި އެވެ. އެހެންނަމަވެސް، ރާއްޖެއަށް އަދިވެސް ތަރައްޤީ ބޭނުންވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ދައުރުގައި އދ.އިން ރާއްޖެ އަށް އެ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ދެމެހެއްޓެނިވި ތަރައްޤީ ޤާއިމްކުރެވޭނީ، ޑިމޮކްރަސީއަށް ކުރާ ދަތުރު ވަރަށް އޮމާންވެގެންކަން ފާހަގަކުރައްވަމުން، ޚާއްޞަކޮށް، އިންތިޚާބުގެ ދުވަސްވަރު އަމަން ޤާއިމްވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ރެޒިޑެންޓް ކޯޑިނޭޓާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.