29 Apr 2013, 09:47
އިނގިރޭސި ވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޓޮޓެންހަމްގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލްއަށް ލިބިއްޖެއެވެ.
ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމް 2011 ވަނަ އަހަރުވެސް ހޯދާފައިވާ، ބޭލްއަށް މިފަހަރު އެ ދެއެވޯޑް ލިބުމުން އޭނާ ހިމެނިގެން ގޮސްފައިވަނީ އެއް ސީޒަނެއްގައި އެ ދެއެވޯޑް ހާސިލްކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ. ކުރިން އެއް ސީޒަނެއްގައި އެ ދެއެވޯޑް ހޯދާފައިވަނީ، އެންޑީ ގްރޭ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ބޭލްއާ ވާދަކުރި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ރޮބިން ވެންޕަސީ އާއި، ލިވަޕޫލްގެ ލުއިސް ސުއަރޭޒްއާއި، ޗެލްސީގެ އެޑިން ހަޒާޑް، ހުއާން މާޓާ އަދި ޔުނައިޓެޑްގެ މައިކަލް ކެރިކް ހިމެނެއެވެ.
އެވޯޑް ލިބުމުން ބޭލް ބުނީ މޮޅެތި ކުޅުންތެރިން ތަކެއްގެ ތެރެއިން މޮޅުކުޅުންތެރިއަކަށް އޭނާއަށް ވޯޓްލިބުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަކަމެއް ކަމަށާއި، އަދި އެފަދަ އެވޯޑެއް ހާސިލު ކުރުމުގެ ފަހަތުގައި އޭނާއާ އެކު އެލިސްޓުގައި ހިމެނުނު އެހެން ކުޅުންތެރިންނާއި، އޭނާގެ ޓީމާއި، އަދި ހާއްސަކޮށް ކޯޗު އަންދުރޭ ވިއަސްބޮއަސްގެ ބޮޑު ހިއްސާއެއް އެކުލެވިގެންވާ ކަމަށެވެ.
ޒުވާން ކުޅުންތެރިޔާގެ އެވޯޑް ބޭލްއަށް ލިބުނީ، ޗެލްސީގެ ހަޒާޑް، އެސްޓަންވިލާގެ ކްރިސްޓިއަން ބެންޓެކޭ، ލޯނުގެ ދަށުން ވެސްޓްބްރޮމްއަށް ކުޅޭ ޗެލްސީގެ ރޮމެލޫ ލުކާކޫ، އާސެނަލްގެ ޖެކް ވިލްޝަޔާ އަދި ޔުނައިޓެޑްގެ ޑެނީ ވެލްބެކް ހިމެނެއެވެ.