29 Apr 2013, 09:31
އަލްޖަޒާއިރު (އެޕްރީލް 29): ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން ފަރަންސޭސި ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާ އަލްޖަޒާއިރުގެ ރައީސް ޢަބްދުލްޢަޒީޒް ބޫތާފްލީޤާގެ ޙާލުކޮޅު މިހާރު ރަނގަނޅުވަމުން އަންނަކަމަށް އެގައުމުގެ ރިޔާސަތުން ބުނެފި އެވެ.
ބޫތާފްލީޤާއަށް ފަރުވާދޭ ޑޮކްޓަރުންނާ ޙަވާލާދީ އަލްޖަޒާއިރުގެ ރިޔާސަތުން ނެރުނު ނޫސް ބަޔާނެއް ބުނިގޮތުގައި އުމުރުފުޅުން 76 އަހަރުގެ ބޫތާފްލީޤާގެ ސިކުނޑިއަށް މިދިޔަ ހޮނިހިރު ދުވަހު ޖެހުނު ސްޓްރޯކަކީ އާދައިގެ ސްޓްރޯކެވެ. މި ސްޓްރޯކުގެ ސަބަބުން ބޫތާފްލީޤާގެ އެއްވެސް ގުނަވަނެއްގެ ޙަރަކާތްހުއްޓި ފެރަލައިޒް ވެފައިނުވާކަމަށް މިބަޔާން ބުނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޫތާފްލީޤާގެ ސިކުނޑިއަށް ޖެހުނު ސްޓްރޯކާ ގުޅިގެން އަލްޖަޒާއިރުގެ ހޮސްޕިޓަލެއްގައި އޭނާއަށް އަވަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ޓަކައި ކުއްލި ޙާލަތުގައި އޭނާ ވަނީ ފަރަންސޭސިވިލާތަށް ގެންގޮސް ޕެރިހުގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޫތާފްލީޤާގެ ސިކުނޑިއަށް ޖެހިފައި ވަނީ އާދައިގެ ސްޓްރޯކެއް ކަމުން ސްޓްރޯކާ އެކު ކުރިމަތިވި ނުރައްކާތަކުން އޭނާ މިހާރު ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.
ބޫތާފްލީޤާގެ ސިއްޙަތަށް މިހާރު ނުރައްކަލެއް ނެތްކަމަށް ބުނި ނަމަވެސް އޭނާ ހޮސްޕިޓަލުން ނުކުވަޑައިގަންނަވާނެ ދުވަހެއް އަލްޖަޒާއިރު ގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަލްޖަޒާއިރުގެ މަސްއޫލުވެރިއަކު ޕެރިހުގައި ރޭ ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބޫތާފްލީޤާ އިތުރު މުއްދަތަކަށް އަރާމުކުރެއްވުމަށް ޓަކައި ދެތިން ހަފްތާއެއްވަންދެން މަސައްކަތުން ދުރުގައި ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމުގަ އެވެ.
ޢަބްދުލްޢަޒީޒް ބޫރާފްލީޤާ އަލްޖަޒާއިރުގެ ވެރިކަމަށް އިންތިޚާބުވެވަޑައިގެންފައި ވަނީ 1999 ގައެވެ. އެއަށް ފަހު ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު އެވެ. އަދި ރިޔާސީ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައި ވަނީ 2009 ވަނަ އަހަރު އެވެ. އޭނާގެ ރިޔާސީ ތިންވަނަ ދައުރު ނިމޭނީ 2014 ވަނަ އަހަރުގަ އެވެ. ރިޔާސީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިނުލައްވާނެކަން ބުތާފްލީޤާ ވަނީ އިޢްލާން ކުރައްވާފަ އެވެ. (އަލްޖަޒީރާ)