29 Apr 2013, 09:26
ކޮލަންބޯ (އެޕްރީލް 29): އެއަރބަސް މަރުކާގެ 10 މަތިންދާބޯޓު ގަންނަން ގަސްދުކުރާކަން ސްރީލަންކަން އެއަރލައިންސް އިން ހާމަކޮށްފި އެވެ.
ސްރީލަންކަން އެއަރލައިންސް ކުންފުނީގެ ޗީފް އެގްޒެކެޓިވް ކަބީލާ ޗަންދްރަސްނާ ވިދާޅުވި ގޮތުގައި މި 10 ބޯޓު ގަތުމަށް ބޭނުންވާ 2.5 ބިލިޔަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން މިހާރު ވަނީ އެއްބަސްވެފަ އެވެ. މި 10 ބޯޓު ގަންނަނީ ފަސިންޖަރުންގެ ޑިމާންޑް ބޮޑުވެ އަދި އިތުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރްސަތު "ސްރީލަންކަން" އަށް ލިބިގެން ކަމަށާއި މި ޝިޕްމަންޓްގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްޗަންދްރަސްނާ ވިދާޅުވި އެވެ.
ސްރީލަންކަން އެއަރލައިންސް އިން ގަތުމަށް ހަމަޖައްސާފައި ވަނީ ޔޫރަޕްގައި އުފައްދާ އެއަރބަސް މަރުކާގެ އޭ.330-300ގެ 6 ބޯޓާއި އޭ. 350-900 ގެ ހަތަރު ބޯޓެވެ. މި 10 ބޯޓު ލިބުމުން ސްރީލަންކަން އެއަރލައިންސަށް މިހާރު ކުރިމަތިވެފައިވާ މަތިންދާބޯޓުގެ ދަތިކަން ޙައްލުވެގެންދާނެ ކަމަށްޗަންދްރަސްނާ ވިދާޅުވި އެވެ.
މި ބޯޓުތަކަށް މިހާރު އޯޑަރު ކުރުމުން 2014 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ހަތް އަހަރުގެ މުއްދަތުގެ ތެރޭގައި މި 10 ބޯޓުވެސް ލިބޭނެކަމަށާއި އަދި މީގެތެރެ އިން ބައެއް ބޯޓުތައް 2014 އާއި 2015ގައި ވެސް ލިބޭނެ ކަމަށް ސްރީލަންކަން އެއަރލައިންސް އިން ލަފާކުރެ އެވެ. ސްރީލަންކަން އެއަރލައިންސް ބުނާގޮތުން އެކުންފުނި 2012ގައި މަސައްކަތް ކޮށްފައި ވަނީ 170 މިލިޔަން ޑޮލަރުގެ ގެއްލުމަކާއެކުގަ އެވެ. ނަމަވެސް އިތުރު މަތިންދާބޯޓުތައް ލިބި ކުންފުނީގެ ދަތުރުތައް ފުޅާވެއްޖެ ނަމަ ކުރިޔަށްއޮތް ދެތިން އަހަރު ތެރޭގައި މިގެއްލުންތަކުން އަރައިގަނެވި ބޮޑުފައިދާއެއް ކުންފުންޏަށް ލިބުމުގެ ފުރްސަތު އޮތްކަމަށް އެކުންފުނިން ދެކެ އެވެ. (ނޫސްއެޖެންސީތައް)