29 Apr 2013, 09:11
ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ކަންތައްތަކަކީ ވަރަށް ފަސޭހައިން ކުޑަ މަސައްކަތަކުން ކޮށްލެވޭ ކަންތައްތަކެވެ. ޓެކްނޮލޮޖީގެ ބޭނުން ހިފާތީ އެވެ. ތަރައްގީވަމުން ދާ މި ރާއްޖޭގައި ވެސް މިހާރު މިދަނީ މިފަދަ ފަސޭހަތައް ލިބެމުންނެވެ. ބުރަ މަސައްކަތުގައި އުޅެފައި މީގެ ކުރިން ކަމާއި ކަން ފަށައި ބާޒާރު ކުރަން ފިހާރަތަކަށް ދާން ޖެހޭ ޖެހުމަށް މިއަދު މި ވަނީ ފަސޭހަކަން އައިސްފަ އެވެ. އެގޮތުން ކޮމްޕިޓަރުގެ ދޮށުގައި އިނދެ ކީބޯޑުގެ ފިތްތަކަށް ފިއްތާލާ ފިއްތާލުމަކާ އެކު މައުސްގައި ކޮއްޓާލާ ކުޑަކުޑަ ކޮއްޓާލުމަކުން ބޭނުންވާ ތަކެތި ގެއަށް ގެނެސްދޭ ހިދުމަތެއް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.
މި މަހު ދެ ވަނަ ދުވަހުން ފެށިގެންސަޕްލައިނެޓްކުންފުނީގެ ފަރާތުން މާލޭގައި ފަށައިފައިވާ، އޮންލައިންކޮށް ވިޔަފާރިކުރެވޭ ހިދުމަތަކީ މިހާ ފުޅާކޮށް ރާއްޖޭގައި ފަށައިފައިވާ މިފަދަ ފުރަތަމަ ވިޔަފާރިއެވެ. ސަޕްލައިނެޓް ކުންފުނީގެވެބްސައިޓަށްޒިޔާރަތްކުރެއްވުމަށްފަހު އެ ވެބްސައިޓުގައި ރަޖިސްޓްރީވުމަށް ފަހު ބޭނުންފުޅުވާ ޕުރޮޑަކްޓަކަށް އޯޑަރު ދެއްވުމުން އެ ސާމާނެއް އެހެން ފިހާރަތަކާ އެއް އަގެއް ނުވަތަ ބައެއް ތަކެތި އެއަށް ވުރެ ވެސް ހެޔޮއަގުގައި އިތުރު ޗާޖަކާ ނުލައި މާލޭގެ ކޮންމެ ގެއަކަށް ވެސް ގެންގޮސްދެ އެވެ.
ވިޔަފާރީގެ ދާއިރާއަށް އަލަށް ނުކުތް ސަޕްލައިނެޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މުދާ ގުދަނުގައި ބަހައްޓައިގެން އޭނާ އޮންލައިންކޮށް ފަސޭހައިން ކުރެވޭ ވިޔަފާރިއެއް ފެށީ މާލޭގެ އާބާދީގައި ދިރިއުޅޭ ގިނަ ފަރާތްތަކަކީ ބިޒީ ޝެޑިއުލްތަކެއްގައި މަސައްކަތް ކުރާ ފަރާތްތަކަކަށް ވުމުން އެފަރާތްތަކަށް ފަސޭހައިން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެވެބްސައިޓް މެދުވެރިކޮށް ގޭތެރެއަށް ބޭނުންވާ އެކިއެކި ސާމާނާއި ކުޑަކުދިންގެ ތަކެތިވެސް ގެއާ ހިސާބަށް ފޯރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެނަށް އޯޑަރުދެއްވުމުން ގިނަވެގެން 30 މިނެޓްގެ ތެރޭގައި ކޮންމެ ގެއަކަށް ވެސް ގެންގޮސްދޭނެ، ދެން އެ ގެއަކަށް ދިއުމުން އަޅުގަނޑުމެނަށް ޕޭކުރަން ޖެހެނީ، ޕޭ ކުރެވޭނެ ކާޑުން ވެސް ކޭޝްއިން ވެސް،" ރަޝީދު ބުންޏެވެ.
ސަޕްލައިނެޓް ވެބްސައިޓް މެދުވެރިކޮށް ގޭތެރެއަށް ބޭނުންވާ އެކިއެކި ސާމާނުގެ އިތުރުން ކާށިން ފެށިގެން ކުކުޅު ބިހާއި ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި ފެނާއި ތަރުކާރީ ވެސް ލިބެން ހުރެ އެވެ. އަދި ސަޕްލައިނެޓުން ވިޔަފާރި ކުރަނީ މާލޭ ބާޒާރުން ތަކެތި ގަނެގެން ކަމަށްވާއިރު ޖުމުލަ 1291 ޕުރޮޑެކްޓް އެ ވެބްސައިޓް މެދުވެރިކޮށް ވިއްކަ އެވެ. ރަޝީދު ވިދާޅުވީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭ ގަނޑު 11:00 ދެމެދު އެބޭފުޅުން މާލޭގެ ކޮންމެ ގެއަކަށް ވެސް، އެ ގެއަކުން އޯޑަރު ދެއްވާ ތަކެތި ގެންގޮސްދޭއިރު އެ ވެބްސައިޓް މެދުވެރިކޮށް ގަންނަ ތަކެތީގެ އަގުވެސް އާދައިގެ ކަންމަތީ ފިހާރަތަކަށް ވުރެ ހެޔޮވާނެ ކަމަށެވެ.
ސަޕުލައިނެޓްގެ ވެބްސައިޓަކީ ޒަމާނީ ގޮތަކަށް ފަސޭހަކަމާއެކު ބޭނުން ކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. އެ ވެބްސައިޓް މެދުވެރިކޮށް ވިއްކާން ހުރި ޕުރޮޑެކްޓްތައް ފެންނަ އިރު އަގުވެސް ފެންނަ ގޮތަށް ހުރެއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަޝީދު ވިދާޅުވީ އެ ވެބްސައިޓް މެދުވެރިކޮށް ގަންނަ ޕުރޮޑެކްޓްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމާލެ އާއި ވިލިމާލޭގެ ގޭގެއަށް ގެންގޮސް ދިނުމަށް ވެސް ނިންމައިފައިވާއިރު ރާއްޖެތެރެއަށް މުދާ ގެންދާ ބޯޓްތަކާ ހިސާބަށް ވެސް މުދާތައް ސަޕްލައިކޮށްދިނުމުގެ ހިދުމަތް ދިނުމަށް ވިސްނަމުންދާ ކަމަށެވެ.
ރަޝީދު ވިދާޅުވީ އެ ވިޔަފާރި ފެށިތާ އަދި މަސް ދުވަސް ވެސް ނުވާ އިރު އެ ވިޔަފާރިއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 4000 އާއި 6000 އާއި ދެމެދުގެ ވިޔަފާރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ޖުމުލަ 165 ކަސްޓަމަރުން އެ ވެބްސައިޓް މެދުވެރިކޮށް މިހާރު ވިޔަފާރި ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވިޔަފާރި ކުރުމަށް ޖުމުލަ 16 މުއައްޒިފުން މިހާރު ގެންގުޅޭއިރު އޭގެ ތެރެއިން ދެ މީހުން ފިޔަވައި އިތުރު ހުރިހާ މީހުންނަކީ ވެސް ދިވެހިންނެވެ.
ސަޕްލައިނެޓްގެ މި ވިޔަފާރި ހަމަ ގައިމު ވެސް މިއީ މާލޭގައި ބުރަ މަސައްކަތުގައި އުޅޭ ފަރާތްތަކަށް ފަސޭހަކަމާ އެކު ވިޔަފާރި ކޮށްލުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަ ކަމެކެވެ.