ޔަހޫދީންގެ ހިތްތަކުގައި މުސްލިމުންނާ މެދު އޮންނަ ޢަދާވާތްތެރިކަމުގެ ތާރީޚު ފެށިފައިވަނީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރައްވައި މަދީނާގައި އިސްލަމީ ދައުލަތެއްގެ ބިންގާ އެޅުއްވުމާ ހަމައިންނެވެ. އެދުވަސްވަރުން ފެށިގެން އިސްލާމީ ތާރީޚްގެ ހުރިހާ ދައުރުތަކެއްގައި ވެސް އިސްލާމް ދީނުގެ ދަންމަރު ނިއްވައިލުމަށާއި، އިސްލާމީ ދައުލަތް ސުންނާފަތިކޮށްލުމަށް ޔަހޫދީން އެންމެ ގާ ކޮޅެއްވެސް ނުފޮރުޅައި ދޫކޮށެއްނުލައެވެ.

އެހެންކަމުން ޔަހޫދީންގެ ދުޝްމިނުކަމާ މެދު ސަމާލުވުމަށް ކީރިތިޤުރުއާނުގައި ވެސް ވަނީ އިރުޝާދުދެއްވައިފައެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ އައްޑިހަ ދެވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.
"އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކު ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ."

ކީރިތިޤުރުއާނުގެ މިއިރުޝާދާ ވިދިގެން އިސްލާމީ ތާރީޚްގެ އެއްވެސް ދައުރެއްގައި އިސްލާމްދީނަށާއި، މުސްލިމުންނަށް ވަފާތެރި އެއްވެސް ދައުލަތަކުން ޔަހޫދީންނާ ގުޅުން އުފައްދައި، ޔަހޫދީންގެ އެހީ ހޯދަން މަސައްކަތްކޮށްފައެއް ނުވެއެވެ. އިސްރާލާ ގުޅުން އުފެއްދީ މުސްޠަފާ ކަމާލުގެ ތުރުކީ އާއި ޕަހެލަވީންގެ އީރާންފަދަ އެމެރިކާ އާއި ޔަހޫދީންގެ އެޖެންޓުންނެވެ. މިސުރުގެ ރައީސް ސާދާތު އިސްރާއީލާ ގުޅުން އުފެއްދެވުމުން މިސްރުގެ މުސްލިމުންވަނީ އޭނާއަށް އެކަމުގެ ހިތިރަހަ ދައްކައިފައެވެ.

އެހެންކަމުން ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން ޔަހޫދީންނާ ގުޅުންބަދަހިކުރުމަށާއި، ޚާއްޞަކޮށް ޔަހޫދީ ދައުލަތުގެ ނުރައްކާތެރި ޖާސޫސީ އިދާރާ މޮސާޑު ގެ އެހީ ހޯދަން މަސައްކަތްކޮށްފައިވާ ކަމީ މުސްލިމު ކޮންމެ ދިވެހި ދަރިޔަކު ކޮޅުކޮޅަށް ވިސްނުން ހިންގަންޖެހޭނެ ކަމެކެވެ. ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ބިރުވެތިވާން ޖެހޭނެ ކަމެކެވެ.

މޮސާޑަކީ އިސްލާމީ އުއްމަތުގެ އަރާތިއްބެވި ސިޔާސީ މުދައްބިރުން ޤަތުލުކުރުމުގައި އަވަދިނެތި އުޅޭ ޖަމާއަތެކެވެ. އިސްލާމީ އުއްމަތުގައި ޤާބިލު ސައިންޓިސްޓަކު އުފެދިއްޖެނަމަ އެބޭފުޅަކު މިވުޖޫދުން ނައްތައިލުމުގެ މަސައްކަތަށް ޚާއްޞަވެގެން ތިބި ބައެކެވެ. އިސްލާމީ އުއްމަތުގެ ތެރޭގައި ދާޚިލީ ފިތުނައިގެ ވަބާ ފެތުރުމާއި، އިސްލާމީ ޤައުމުތަކުގެ މެދުގައި ހަނގުރާމައިގެ ހުޅު ރޯކުރުމާއި، އިސްލާމީ އުއްމަތުގެ އަސްކަރީ ޙައްސާސު މަޢުލޫމާތު އެއްކޮށް ދުޝްމަނުންނަށް އެމަޢުލޫމާތު ދެމުންގެންދިއުމަކީ އެކަމަކަށްޓަކައި މޮސާޑު އުފައްދާފައިވާ މަޤްޞަދެވެ. އެހެންކަމުން މޮސާޑާ ބެހޭ މަޢުލޫމާތު މުސްލިމު ދިވެހިންނަށް ކޮންމެވެސް މިންވަރަކަށް އެނގިފައިއޮތިމަކީ ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ.
× × × × × × ×
ރަގޫނާތަކީ އިންޑިޔާގެ އިމާރާތްކުރާ ކުންފުންޏެއްގެ މުވައްޒަފެކެވެ. އެކުންފުނީން ބޭރުގެ އެކި އެކި ޤައުމުތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންގެނެދެއެވެ. 2000 ވަނަ އަހަރު އެކުންފުންޏަށް އުރުދުންގައި ފާލަމެއް އެޅުމުގެ ކޮންޓްރެކްޓް ލިބުނެވެ. އެގޮތުން އެކުންފުނީގެ އެހެނިހެން މަސައްކަތްތެރިންނާއެކު ރަގޫނާތުވެސް އުރުދުނަށް ދިޔައެވެ. 2001 ވަނަ އަހަރު އުރުދުންގެ އިލެކްޓްރޯނިކް އެއްޗިހި މަރާމާތުކުރާ މީހެއް އުރުދުންގެ ފުލުހުންނަށް މަޢުލޫމާތު ދިނެވެ. "އިންޑިޔާގެ ރައްޔިތެއް އަހަރެންގެ އަތަށް ރޭޑިޔޯއެއް ހަދަން ގެނެސްފިއެވެ. އެއީ ހަމައެކަނި ޓްރާންސިސްޓަރެއް ނޫނެވެ. ރޭޑިޔޯއެއް އަޑުއެހުމަށް ބޭނުން ނުވާ އެތައް އާލާތްތަކެއް އެރޭޑިޔޯގައި ހަރުކޮށްފައި އެބަހުއްޓެވެ."

އުރުދުން ގެ ފުލުހުން ވަގުތުން އެރޭޑިޔޯ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ފުލުހުން ރޭޑިޔޯ ބެލުމުން އެނގުނީ އެއީ ވަރަށް މަތީ ރޭންޖެއްގެ ވަޔަރލެސް ސެޓެއްކަމެވެ. އެމަސްލައިގައި ރަގޫނާތު ހައްޔަރުކުރެވުނެވެ. ތަޙްޤީޤް ފެށުމުން އެނގުނީ ރަގޫނާތަކީ އިންޑިޔާގެ ޖާސޫސީ އިދާރާ "ރާ" ގެ އެޖެންޓެއްކަމެވެ. އެހައިތަނުން އުފެދުނުސުވާލަކީ މާދުރުގައި އޮތް އުރުދުން ފަދަ ޤައުމެއްގައި ޖާސޫސީ ހަރަކާތްތަކެއް ހިންގަން "ރާ" ބޭނުންވީ ކީއްވެގެންތޯ މިސުވާލެވެ. އާ ދިމަދިމާއިން އާކުންނުތަކުން ތަޙްޤީޤް ކުރިއަށް ގެންދާންފެށިއެވެ. އުރުދުންގެ ފުލުހުން ހަމަސްދުވަސްވަންދެން ކުރި ބުރަ މަސައްކަތުން އެނގުނީ ރަގޫނާތުގެ ޙަޤީޤީ ނަމަކީ ޑޭވިޑު ކަމެވެ. އޭނާއަކީ މޮސާޑު ގެ އެޖެންޓެއްކަމެވެ.

ތަޙުޤީޤުން އެނގުނުގޮތުގައި ޑޭވިޑް ތަލްއަބީބުން ނިއުދިއްލިއަށް ދިޔައީ 1985 ގައެވެ. "ރާ" އިން އޭނާއަށް ހިންދީ ބަހާއި އަރަބިބަސް ދަސްކޮށްދިނެވެ. އޭނާއަށް އިނޑިޔާގެ ރައްޔިތެއްކަމުގެ ކާޑު ހައްދައިދީ އަރަބި ޤައުމުތަކުގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުންޏަކުން ވަޒީފާ ހޯދައިދިނެވެ. ޑޭވިޑް އެކުންފުނީގެ މަސައްކަތުމީހުންނާއެކު އެކި އެކި އަރަބި ޤައުމުތަކުގައި ބުރުޖަހަމުންދިޔައެވެ. ތަލްއަބީބަށް ޖާސޫސީ މައުލޫމާތު ފޮނުވަމުން ގެންދިޔައެވެ. މިއީވަރަށްވެސް ސީރިއަސް ޚަބަރެކެވެ. ނަމަވެސް އުރުދުންގެ ބައެއް ނޫސްތަކުގެ ދާއިރާއަކުން އެޚަބަރު ބޭރަކަށް ނުނިކުމެއެވެ.

އަރަބިޤައުމުތައް ފިޔަވައި މޮސާޑާއި، "ރާ" އާ ގުޅިގެން އެންމެފުޅާ ދާއިރާއެއްގައި ޖާސޫސީ ހަރަކާތްތައް ހިންގާ އެއްޤައުމަކީ ޕާކިސްތާނެވެ. މޮސާޑާއި "ރާ" އާގުޅިގެން އެކި އެކި އޮޕަރޭޝަންތައް ހިންގާ ޚަބަރު ފެތުރުމުން އިސްލާމީ ޤައުމުތަކުން އެމައްސަލައާމެދު ވިސްނަންފެށިއެވެ. އިންޑިޔާގެ ޖާސޫސީ ނިޒާމަކީ މޮސާޑުފަދަ ޒަމާނީ ނިޒާމަކަށް ނުވުމާއެކު އެދެފަރާތުގެ ގުޅުމުން އިންޑިޔާއަށް ލާބައެއް ލިބުންކަމުގައިވިޔަސް މޮސާޑަށް އޮތް ފައިދާއަކީ ކޮބައިތޯ ފިކުރުހިންގާންފެށިއެވެ. މުސްލިމުންނަށް އެނގުނީ އެދެފަރާތުގެ އިއްތިހާދުން "ރާ" އަށްވުރެ ބޮޑު ފައިދާއެއް ހޯދަނީ މޮސާޑު ކަމެވެ.

މޮސާޑަކީ ކޮންބައެއް
މޮސާޑު އުފެދުނީ 1 އޭޕްރިލް 1951 ގައެވެ. ތަލްއަބީބުގައެވެ. މޮސާޑުގެ ބާނީއަކީ އިސްރާއީލުގެ އެންމެފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޯރިޔަނެވެ. ބެންގޯރިޔަން މޮސާޑު އުފެއްދީ ކުދި ކުދި ފަސް އެޖެންސީއެއް އެއްކޮށްލައިގެންނެވެ. ޕަލަސްޠީނު އުފެއްދުމަށްޓަކައި ފަލަސްޠީނުގެ އަރަބިމުސްލިމުންނާ ދެކޮޅަށް ނިރުބަވެރި ޙަރަކާތްތައް ހިންގަމުން އައި ޔަހޫދީ އެޖެންސީ ތަކުގެ ތެރެއިން ފަސް އެޖެންސީއެކެވެ. މޮސާޑު ގެ އެންމެ ފުރަތަމަ ބަޖެޓަކީ ވިހިހާސް އިސްރާއީލީ ޕައުންޑެވެ. މޮސާޑު ގެ މަޤްޞަދަކީ އަރަބި އިސްލާމީ ދުނިޔެއާއި، އިސްލާމީ އިދާރާތަކާ ބެހޭގޮތުން މަޢުލޫމާތު އެއްކުރުމާއި އެމަޢުލޫމާތުގެ އަލީގައި އެތަންތަނަށް ގެއްލުންދިނުމެވެ. އޭގެ އިތުރުން ސޫރިޔާ އާއި، އީރާނާއި، އިތިއޯޕިޔާގެ ޔަހޫދީ އާބާދީ ރައްކާތެރިކަމާއެކު އިސްރާއީލަށް ނަގުލުކޮށް އިސްރާއީލުގެ އިންސާނީ މުއްސަނދިކަން އިތުރުކޮށް ދިނުމެވެ. އިސްލާމީ އުއްމަތާ ހަނގުރާމަކުރާ ޔަހޫދީ ސިފައިންގެ އަދަދު ގިނަކޮށްދިނުމެވެ. ފަލަސްޠީނުގެ މުސްލިމުންގެ ބިމުގައި އެބައިމީހުން ވަޒަންވެރިކުރުވުމެވެ. އިސްރާއީލްގެ އާބާދީ އިތުރުކޮށްދިނުމެވެ.

މޮސާޑު އުފެއްދި އިރު މޮސާޑުގެ އެޖެންޓުންގެ ޢަދަދަކީ ފަނަރަސަތޭކައެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން އިދާރާތަކާ ޚިލާފަށް މޮސާޑުގެ ހަރަކާތްތައް ފުޅާވެ ބަޖެޓް ބޮޑުވިވަރަކަށް އެތާނގެ އިސްރާއީލީ އެޖެންޓުންގެ ޢަދަދު އައީ ހައިރާންވެ އަންތަރީސްވާ ފަދަ ގޮތަކަށް މަދުކުރަމުންނެވެ.

ޖަރުމަނުގެ ޖާސޫސީ އިދާރާއިން މޮސާޑުގެ މޮޑެލް ދިރާސާކުރުމުން ހާމަވެގެން ދިޔަ ޙަޤީޤަތަކީ މޮސާޑުގެ އެޖެންޓުންގެ ވިހި އިންސައްތަ މީހުންނަކީ އިލެކްޓްރޯނިކް އިންޖިނިއަރުންކަމާއި، އައްޑިހަ އިންސައްތަ މީހުންނަކީ ކޮމްޕިއުޓަރުގެ މާހިރުންކަމެވެ. މޮސާޑުގެ އެޖެންޓުން ދަންފަޅިބަހައިލައިގެން ރެޔެއް ދުވާލެއްނެތި މަސައްކަތްކުރަމުންގެންދެއެވެ. ދުނިޔޭގައި ޓެލެފޯނު ލައިނެއް ނުވަތަ ކޮމްޕިއުޓަރެއްހުރި އެއްވެސްތަނެއް އެބައިމީހުންގެ ލޯމަތިން ހިނދުކޮޅަކުވެސް ކައްސައިލައިފައެއް ނޯވެއެވެ. ޖަރުމަނު އިންޓެލިޖެންސުން މިސާލަކަށް ދެއްކީ މޮސާޑުން ޑަޗް އިންޓެލިޖެންސުގެ ޙަރަކާތްތައް ރެކޯޑްކުރަމުން ގެންދިޔަގޮތެވެ. މޮސާޑުން ގެންދިޔައީ އެތަކެއް ހާސްމޭލުގެ ދުރުގައި އިށީދެލައިގެންތިބެ ޑަޗްއިންޓެލިޖެންސުގެ ސައްތައިން ސައްތަ ޙަރަކާތް ތަކާއި ޑަޗް ފުލުހުންގެ ފަންސާސް އިންސައްތަ ޙަރަކާތްތައް ރެކޯޑް ކުރަމުންނެވެ. އެމެރިކާއާއި ޔޫރަޕްގެ އެހެނިހެން ޤައުމުތަކުގެ ހާލުވެސް ހުރީ ހަމަ މިގޮތަށެވެ.

ދުނިޔޭގައި ކޮމްޕިއުޓަރ އުފައްދާ ހުރިހާ އިދާރާތަކަކުން މޮސާޑަށް އެހީތެރިވެއެވެ. ހެޔޮއަގުގައި ކޮމްޕިއުޓަރ ދޫކުރެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގެ ތެރެއިން މޮސާޑާ ދުރު ހުރިހާ ކަންކޮޅުތަކެއްވެސް ތަލްއަބީބުގައި ހުންނަ މޮސާޑުގެ ސްކްރީންތަކަށް އަރުވައިދިނުމަށްޓަކައެވެ.

1951 ން ފެށިގެން 1996 އާހަމަޔަށް މޮސާޑުގެ އިސްވެރިޔާގެ ނަމަކީ ދުނިޔެއަށް ސިއްރުވެފައި އޮތް ކަމެކެވެ. މޮސާޑުގެ ޑިރެކްޓަރ ގެ ނަން ދުނިޔެއަށް އެންމެފުރަތަމަ އެނގުނީ ޝާބާތީ ޝާވިތު މޮސާޑުގެ ޑައިރެކްޓަރ ކަމުން ދުރުކޮށް މޭޖަރޖަނަރަލް ޑެނީޔާތިމް މޮސާޑުގެ ޑިރެކްޓަރ ކަމަށް އައްޔަންކުރެވުމުންނެވެ.

މޮސާޑުބެހިފައިވަނީ ވަރަށްފުޅާ އަށް ޑިޕާޓްމަންޓަކަށެވެ. އޭގެތެރޭގައި ކަލެކްޝަން ޑިޕާޓްމަންޓާއި، ޕޮލިޓިކަލް އެކްޝަން ޑިޕާޓްމަންޓާއި، ސްޕެޝަލް އޮޕަރޭޝަން ޑިވިޝަނާއި، ލޮހަމް (lohamah) ސައިކޮލޮޖިކަލް ޑިޕާޓްމަންޓާއި، ރިސާޗް ޑިޕާޓްމަންޓާއި، ޓެކްނޮލޮޖިކަލް ޑިޕާޓްމަންޓް ހިމެނެއެވެ. މި ހަޑިޕާޓްމަންޓްގެ އިތުރަށް އެދެޑިޕާޓްމަންޓަކާ ބެހޭގޮތުން ދުނިޔެއަށް އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ދެޑިޕާޓްމަންޓެއްވެސް މޮސާޑުގައި ހިމެނެއެވެ.

ކުރީންވެސް ދެންނެވިފަދައިން ޖާސޫސީ މަޢުލޫމާތު އެއްކުރުމުގެ އިތުރަށް އިސްލާމީ ޤައުމުތަކުގައި ބޮންގޮއްވުމާއި، މީހުންމެރުމާއި، ސިޔާސީ ދެކޮޅުވެރިކަން އުފެއްދުމާއި، ދީނީ އަރާރުންތައް އުފެއްދުމަކީ މޮސާޑުގެ ލަނޑުދަނޑިތަކެވެ. ފަހަކަށް އައިސް މިކަންކަމުގައި ބޭނުންކުރަނީ އެތަނެއްގެ މާފިޔާ ގޭންގު ތަކާއި، "ދާދާއިން" ނާއި، ސިޔާސީ ޝަޚްޞިއްޔަތް ތަކެވެ. މޮސާޑުގެ ކަމަކީ ޕްލޭނާއި ފައިސާދީފައި ދުރުގައި ކުޅިބަލަން ތިބުމެވެ. ދެހާސްވަނަ އަހަރުންފެށިގެން ޖާސޫސުކުރުމަށްވެސް ބޭނުންކުރަނީ ދޭސީ އެޖެންޓުންނެވެ.

އިސްލާމީ ދުނިޔެއާ ބެހޭގޮތުން މޮސާޑުން އެއްކުރާ މައުލޫމާތު ތަކުތެރޭގައި އަސްކަރީ މައުލުމާތުގެ އިތުރުން އިސްލާމީ ދައުލަތްތަކުގެ ބޮޑެތި ފާލަންތަކާއި، ބޮޑެތި ހޮޓާތަކާއި، ބާޒާރުތަކާއި، ޝޮޕިންގ ސެންޓަރ ތަކާއި، ޔުނިވަރސިޓީ ތަކުގެ މައުލޫމާތުވެސް ހިމެނެއެވެ. ފަލަސްޠީނުގެ މުޖާހިދުންގެ ކޭމްޕުތަކާއި، އޮފީސްތަކާއި، ޓްރޭނިންގ ކޭމްޕް ތަކާއި، ޗަންދާ އެއްކުރާ ތަންތަނާ ބެހޭ މަޢުލޫމާތުވެސް އިސްރާއީލުގެ ސަރުކާރަށް ފޮނުވަމުންގެންދެއެވެ.

އިސްރާއީލުގެ ނުފޫޒާއި މުސްލިމުން
ރާއްޖޭގައި ވެސް ސިޔާސީ ބައެއް ފަރާތްތަކުން އިސްރާއީލާއި މޮސާޑުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރެމުންދިޔަ ދުވަސްވަރު ރާއްޖޭގެ ތައުލީމީ ނިޒާމުން އިސްލާމް ބޭރުކުރުމަށާއި، ރާއްޖޭގެ ޤާނޫނީ ނިޒާމު އިސްލާމީ ޝަރީޢަތާ ފެޔަށް ޖައްސައި ޖުޑިޝަރީ ވެސްޓަނައިޒް ކުރުމަށާއި، އެމެރިކާއިން އަފްޣާނިސްތާނާއި، ޢީރާޤުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާ ތަކުގެ ސާފު ޚަބަރުތައް ރާއްޖޭގެ މީޑިޔާގައި ހާމަވިޔަނުދިނުމަށާއި، ޔަހޫދީންގެ ތާރީޚު ފެށުނީއްސުރެ ޔަހޫދީންގެ ހުރި ނުބައި ނުލަފާކަމުގެ ވާހަކަތަކާއި، ނަބީބޭކަލުން ޤަތުލުކުރުމަށާއި އެބޭކަލުން ބަދުނާމުކުރަން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަތަކާއި، މުސްލިމުންނާމެދު ޔަހުދީންގެ ހިތްތަކުގައި އޮންނަ އަޒަލީ ދުޝްމިނުކަމުގެ ވާހަކަތައް ދިވެހިޖައްވުން އަޑުއިވުނަނުދޭންވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އަރަބި އިސްލާމީ ޤައުމުތަކާއި، އީރާނާއި، ތުރުކީއާއި، ޕާކިސްތާނުގައި ކެހިވެރިކަމާއިމަކަރުވެރިކަމުގެ ދާތައް ފަތުރާފައިވާ ޚަބަރު ސިއްރުކުރަން މަސައްކަތްކުރާ ފަދައިންނެވެ.

އެހެންކަމުން ރާއްޖޭގައި ސިޔާސީ އެއްވެސް ފަރާތަކުން މޮސާޑާ ގުޅުން ބަދަހިކުރަން މަސައްކަތްކުރިކަން އެނގުމުން އިސްލާމުދީނަށް ލޯބިކުރާ ކޮންމެ ދިވެއްސެއްގެ ލޮލުން ނިދިފިލާގޮތް ނުވެއްޖެނަމަ ދިވެހިންގެ ޙާލާމެދު އޮތީ ހާސްހާސް ފަށުން ހިތާމަކުރުމެވެ. ދިވެހިން ހޭވެރިކަންވާނީ ދިވެހިޤައުމު އަނދައި އަޅިއަށްވާފަހުންނެވެ. އަރަހުށިމާތްﷲ އެގޮތަށް އިރާދަ ނުކުރައްވާހުށިއެވެ. ދިވެހި އިސްލާމީ ޤައުމު ދުޝްމިނުންގެ ކެހިވެރިކަމުގެ ދަންތުރަތަކުން މިންޖު ކުރައްވާށިއެވެ.