28 Apr 2013, 21:41
ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް ހެލްތުގައި "ސެންޓްރަލް ހެލްތު ޕްރޮކިޔުމަންޓް ޔުނިޓް"އެއް ގާއިމު ކުރުމަށް ހެލްތު މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔުނޮޕްސް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މި މަހުގެ 15 ވަނަ ދުވަހު ޔުނޮޕްސްއާ އެކު ސޮއި ކުރި އެއްބަސްވުމުގެ އަމާޒަކީ، ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ބޭހާއި މެޑިކަލް އާލާތްތަކާއި އަދި އެނޫން ވެސް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން އެންމެހައި ތަކެތި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ގަނެ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. އަދި ބޭހާއި ބޭސްފަރުވާ އަށް ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކޮށް ހިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ޔުނޮޕްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނޭ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސެންޓަރަލް ޕްރޮކިޔުމަންޓް ސެކްޝަނެއް ގާއިމް ކުރުމުން އެ މިނިސްޓްރީން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށް ބެލެވޭ އިރު އެ ނިޒާމް ގާއިމު ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، ތަފާތު ފަންނީ ނިޒާމްތައް ގާއިމް ކުރެވިގެން ދިއުމާއި، ބައިނަލްއަގްވާމީ ފެންވަރުގައި ތަމްރީނު ވެފައިވާ މުވައްޒަފުންތަކެއް އެދާއިރާގައި ތިބުމާއި އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިފައިވާ ނިޒާމެއްގެ ގޮތުގައި މަސައްކަތްތައް ރާވައި ހިންގޭނޭ ކަމަށްވެސް އެ މިނިސްޓް ރީން ބުނެފައިވެ އެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނީ، އެފަދަ މަޝްރޫއެއް އެކުލަވާލެވިފައި ވަނީ، ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ފަންނީ އެހީއާއި ކަރިޓަސް އިޓާލިއާނާގެ މާލީއެހީއާ އެކު ޔުނޮޕްސްއިން ހިންގި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ޔުނޮޕްސްގެ އެހީތެރިކަމާ އެކު ބޭހާއި ބަޔޯމެޑިކަލް އާލަތްތައް ސަޕްލައި ކުރުމުގެ ކުރިން ތަކެތީގެ ފެންވަރު ކަށަވަރުކުރުން، ސާމްޕަލް ބެލުން، ލިބެން ޖެހޭ ފަރާތަށް ރައްދުކުރެވެންދެން އެތަކެތި އިންޝުއާ ކޮށްދެވޭނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި މަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން އެ މަސައްކަތް ދާއިމީ ގޮތެއްގައި ހިންގުމަށް ޔުނޮޕްސް އިން ހެލްތު މިނިސްޓްރީއާ ހަވާލުކުރާނޭ ކަމަށެވެ.