ރާއްޖެ އަށް ސެޓެލައިޓެއް ލޯންޗުކޮށް އޮޕަރޭޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިންޑިއާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އިންޑިއާގެ ފަންނީ ޓީމެއް ރާއްޖެ އަންނަނީ ސެޓެލައިޓު ލޯންޗުކޮށް އޮޕަރޭޓްކޮށްދިނުމުގައި އެގައުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ބެލުމަށް ކަމަށެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ބުނެފައި ވަނީ ރާއްޖޭގެ ސެޓެލައިޓެއް ލޯންޗުކޮށް އޮޕަރޭޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޗައިނާ އާއި އިނގިރޭސި ވިލާތާއި ނެދަލެންޑްސް އާއި ސައިޕްރަސް އާއި ލަގްޒަމްބާގް އަދި ތައިލެންޑުގެ ހަ ކުންފުންޏަކުން ކަމަށް ކަމަށެވެ. ނަމަވެސް އިންޑިއާގެ އެއްވެސް ޕްރައިވެޓް ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށް ވެސް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެ އަށް ޚާއްސަ ސެޓެލައިޓެއް ގާއިމްކޮށް އޮޕަރޭޓް ކުރަން ފެށުމުން ރާއްޖޭގެ އިގްތިސޯދަށް ވެސް އެކަމުން ރަނގަޅު ފައިދާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ސެޓެލައިޓް ގާއިމް ކުރުމުން ރާއްޖޭގެ ޓީވީ ސްޓޭޝަންސްތަކަށް ވެސް އެ ސެޓެލައިޓަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިންޑިއާ އާއި ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި އޮތް ނަމަވެސް އެ މައްސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމާނީ ވަޒީރުންގެ މަޖިލީހުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.