ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލަ އަވަސް ކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގައި އެދިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މިޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ އެ ކޮމިޝަންގެ މައްޗަށް ދައުވާކޮށް ރައީސް ނަޝީދު ހުށަހެޅި މައްސަލަ އަވަސްކޮށްދިނުމަށް އެ ކޮމިޝަނުން ހައިކޯޓުގައި އެދިފައިވާނެ ކަމަށާއި އެއީ އަލަށް ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުންކުރި ހުކުމް އެ ކޮމިޝަނުން އިސްތިއުނާފުކޮށްފައިވާތީ އެ މައްސަލަ އަވަސްކޮށްދިނުމަށް ވެސް އެ ކޮމިޝަނުން ހައިކޯޓުގައި އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީން ދައުވާ ކުރާ މައްސަލަތަކާއި ޖޭއެސްސީގެ މައްޗަށް ދައުވާ ރައްދުވާ އެހެނިހެން މައްސަލަތައް ވެސް އަވަސްކޮށްދިނުމަށް މީގެކުރިން ވެސް އެ ކޮމިޝަނުން ކޯޓުތަކުގައި އެދިފައިވާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާ ނަންގަވައި ޖޭއެސްސީން ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ ބެންޗުގައި ހިމަނާފައިވާ ތިން ފަނޑިޔާރުންނަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލް ބޭފުޅުން ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓަކީ އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރުކަމަށްވާތީ އެ ކޯޓުން ނިންމާ ނިންމުމެއް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށާއި އެހެންކަމުން އެ މައްސަލައަކީ ހައިކޯޓަށް ހުށަހެޅިގެންވާނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ޖޭއެސްސީން އެދިފައި ވެއެވެ.

ހައިކޯޓުން ވަނީ ޖޭއެސްސީގެ އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ރައީސް ނަޝީދަށް ދެއްވާފަ އެވެ.

ހައިކޯޓުން އެ މައްސަލަ ނިމެންދެން ނަޝީދުގެ ޝަރީއަތް ހުއްޓާލަން ހައިކޯޓުން ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.