28 Apr 2013, 16:04
ފިލިޕީންސްގައި ކުރިއަށް ދިޔަ 20 ވަނަ އޭޝިއަން ޓްރައިތްލޯން ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ޔައުޤޫބް އަހުމަދު އޭނާ ބައިވެރިވި ކެޓެގަރީން ތިންވަނަ ހޯދައިފި އެވެ.
ޓްރަޔަތްލޯން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވީ، އޭޝިއާގެ 24 ގައުމަކުން ވާދަކުރި މިމުބާރާތުގައި ޔައުޤޫބް ބައިވެރިވި ކެޓަގަރީން އެއްވަނައަށް ދިޔައީ ނޭޕާލް އެތްލީޓެކެވެ. އަދި ދެވަނަޔަށް ރޭސް ނިންމާފައިވަނީ ޗައިނާގެ އެތްލީޓެކެވެ. މިއީ ރާއްޖޭގެ އެތްލީޓަކަށް އޭޝިއަން ޗެމްޕިއަންޝިޕްގައި މެޑެލެއް ލިބުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެތްލީޓުގެ ފަހަތުން 20 އެތްލީޓުން ވަނީ ރޭސް ނިންމާފައެވެ.
އަދި މިމުބާރާތުގެ ކުރިން ޓެކްނިކަލް އޮފިޝަލް ކޯސް ފުރިހަމަކޮށް އެކޯހުން ފާސްވުމާއި ގުޅިގެން މިމުބާރާތުގައި ޓެކްނިކަލް އޮފިޝަލްކަން ކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ޓެކްނިކަލް އޮފިޝަލްކަން ކުރުމުގެ ކުރުމަށް ITU (އިންޓަރ ނޭޝަނަލް ޓްރަޔަތްލޯން ޔޫނިއަން) އިންވަނީ ރާއްޖެއަށް ފުރުސަތު ލިބިފައެވެ.