ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ކުއްޖާ މައްޗަށް ހުކުމް އިއްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ބާއްވަން ޝެޑިއުލް ކުރިނަމަވެސް ދިފާއީ ވަކީލު ހާޒިރުނުވާތީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތް އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އަށް އެ ކުއްޖާ އިއުތިރާފުވެފައިވާތީ ހެކި ހުށަހަޅަން ބޭނުންނުވާކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވެފައިވާ ގޮތުގައި އެ ކުއްޖާ އަކީ މަރުގެ ހާދިސާ ހިންގި ވަގުތު އެ ގޭގެ ފާރައަށް ހުރި ކުއްޖާއެވެ.

ފުލުހުންގެ ތަހުގީގަށް އެކުއްޖާ ދީފައި ވަނީ ކޮން ދޮގު މައުލޫމާތުތަކެއް ކަމެއް މިހާތަނަށް އެއްވެސް އިދާރާ އަކުން ހަމާކޮށްފައެއް ނުވެއެވެ.

ޖުވެނައިލް ކޯޓުން ބުނީ ފުލުހުންގެ ތަހުގީގަށް އެ ކުއްޖާ ދޮގު މައުލޫމާތު ދީފައިވާއިރު އެ ކޯޓަށް އެ ކުއްޖާ ހާޒިރު ކުރި ދުވަހެއްގައި ވެސް އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ކަމަށެވެ.

ދޮގު ހެކި ދިނުމުގެ ދައުވާ އެ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާ އާ ހަވާލާދީ އެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ނެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމަމް އަހްމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އެ ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ.