28 Apr 2013, 15:13
ދިވެހީންނަކީ މުސްލިމުންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަނދާނުން ކައްސާލާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން އެހެން ބުނީ ޑެންމާކްގެ ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
އަދާލަތުގެ ބަޔާނުގައި ބުނެފައި ވަނީ އިސްލާމީ އުސޫލުތަކަށާއި އެ ދީނުގެ ޝަރީއަތަށާއި އެ ދީނަށް ތަބާވާ މީހުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ ނަފްރަތު ފާޅުކުރެއްވުމަކީ ކެނޑިނޭޅި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.
ރައީސް ނަޝީދުގެ އެ ނަފްރަތުގެ ހުޅުގަނޑު އެންމެ ބޮޑަށް ފާޅުވެގެން ދަނީ ޣައިރު ދީންތަކުގެ މިޝަނަރީންގެ ގާތަށް ވަޑައިގެންނެވޭ ވަގުތުގައި ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ. އެގޮތުން ދާދިފަހުން ޑެންމާކްގެ ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނަށް ތަބާވާ މީހުންނަކީ "ހައްދުފަހަނަ އަޅާފައިވާ" މީހުންކަމުގައި ސިފަކުރައްވައި ވާހަކަ ދައްކަވާފައި ވަނީ ޣައިރުދީންތަކުގެ މީހުން ރުއްސުމަށް ޓަކައި ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
"އެބައެއްގެ އަތުން ވޯޓު ހޯދައިންގެ އަލުން ވެރިކަން ލިބޭތޯ މަސައްކަތް ކުރައްވަމުން މިއަދު ވެސް ގެންދަވާ ދިވެހިންނަކީ މުސްލިމުންކަން ހަދާނުން ކައްސާލާފައިވާ ކަހަލަ އެވެ. ދާދިފަހުން ޑެންމާކަށް [ނަޝީދު] ކުރެއްވި ދަތުރުގައި ވެސް އިސްލާމް ދީނަށް ތަބާވާ މީހުންނަކީ "ޙައްދު ފަހަނައަޅާފައިވާ" މީހުން ކަމުގައި ސިފަ ކުރައްވައި ޣައިރު ދީނުގެ މީހުން ރުއްސުމަށް ޓަކައި ތިމަންނާޔަކީ އިސްލާމް ދީނާއި އިދިކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަހުލަވާނެއްކަން ސާބިތުކޮށްދިނުމަށް ދެއްކެވި ވާހަކަ ތަކުގައި އިސްލާމް ދީނަށާއި އެދީނުގެ އުސޫލުތަކަށް ތަބާވުމަށް މަސައްކަތް ކުރާ މީހުންނަށް ފުރައްސާރަ ކުރައްވާފައިވެ އެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދަކީ ލާދީނީ އެޖެންޑާއެއް އޮތް ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ފަރާތުން މިފަދަ އަމަލުތައް ތަކުރާރު ވުމަކީ ހައިރާންވާންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް އަނެއްކާ ވެސް ދިވެހި މުސްލިމުންގެ ބޮލަށް "ސަވާރުވުމުގެ" ފުރުސަތު ހޯދުމަށް ނަޝީދު އާއި އޭނާގެ ބައިވެރިން ކުރާ މަސައްކަތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ބައިވެރިވާ ކަމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ކުރި ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރެއިން ބޭރު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާ ގޮތުގެ ސަބަބުން ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަ ކުރެވިފައިވާ ކަމަށް ބުނެ، ގިނަ އާއްމުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ މިވީޑިއޯގައި ބޭރު މީހަކު ރައީސް ނަޝީދާ ކުރައްވާ ސުވާލަކީ ސަގާފީ އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މެދު އިރުމައްޗާއި ދެކުނު އޭޝިޔާގައި ފެތުރެމުންދާ ވައްހާބިޒަމްއާއި ހަރުކަށި އިސްލާމީ ފިކުރަކީ ހަގީގީ އިސްލާމްދީނެއް ނޫން ކަމަށާއި އެއީ ހިޖާޒުން ނުވަތަ ސައުދީ އަރަބިއްޔާ އިން އައިސްފައިވާ ފިކުރެއް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވަނީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް" ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.