28 Apr 2013, 14:42
އަންނަ އަހަރު އޮކްޓޫބަރުމަހު މިޔަންމާގައި ބޭއްވުމަށް ހަމަޖެހިފައިވާ 38 ވަނަ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގުރު ނަގައިފިއެވެ.
އޭޝިޔާ ބައްރުގެ 40 ގައުމެއް ނުވަ ގްރޫޕަކަށް ބާހަލައިގެން ވާދަކުރާ ކޮލިފިކޭޝަންގައި ރާއްޖެ ލައްވައިލި ގްރޫޕް ބީގައި ހިމެނެނީ އަފްގާނިސްތާނާއި، މެދުއިރުމަތީގެ ތިން ގައުމެއް ކަމަށްވާ ޖޯޑަން، ޔުނައިޓެޑް އެރެބް އެމިރޭޓްސް އަދި ޔަމަންއެވެ. މި ގުރޫޕުގެ މެޗުތައް ޖޯޑަންގައި ކުޅުމަށް ހަމަޖެހިފައިވާއިރު ބާކީ ހުރި ގުރޫޕުތަކުގެ މެޗުތަށް ކުޅޭނީ ގަތަރު، އީރާން، އިރާގު، ފަލަސްތީން، ހޮންކޮންގް، އިންޑޮނޭޝިޔާ، ތައިލެންޑު އަދި ޗައިނާގައެވެ.
ކޮލިފައިން މެޗުތައް ކުޅޭނޭ ވަކި ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ރާއްޖެ ހިމެނޭ ސާކު ސަރަހައްދުގެ ހަގައުމެއް މިމުބާރާތުގައި ވާދަކުރާއިރު އިންޑިޔާއާއި ނޭޕާލް ލައްވައިލީ ގަތަރު، އުޒުބެކިސްތާން އަދި ތަޖެކިސްތާން ހިމެނޭ ގުރޫޕް "އޭ"ގަ އެވެ. އަދި ޕާކިސްތާނާއި، ބަނގުލާދޭޝް ވާދަކުރަން ޖެހޭނީ އިރާގާއި ކުވައިތު ހިމެނޭ ގުރޫޕް "ސީ"ގައެވެ.
ކޮލިފައިންގައި ހިމެނޭ ނުވަ ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި، ހުރިހާ ގުރޫޕަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަގައުމެއް މުބާރާތް ބާއްވާ މިޔަންމާއާ އެކު، 2014 ވަނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގައުމެއް 2015 ވަނަ އަހަރު ނިއުޒީލެންޑުގައި އޮންނަ 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕަށް ކޮލިފައިވާނެއެވެ.
އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިން 2012ގައި ރާއްޖޭގެ ޓީމު ލައްވައިލި ގުރޫޕު "އޭ"ގައި ހިމެނުނީ އިރާގު، ސައޫދީ އަރަބިއްޔާ، އޮމާން އަދި ބަންގުލާދޭޝްއެވެ. އެފަހަރު ރާއްޖެ އެ ގުރޫޕުގެ އެންމެ ފުލަށް ދިޔައިރު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އަދި ލަނޑެއް ކާމިޔާބު ނުކުރެވި ބައިކޮޅަށް 27 ލަނޑުވަދެފައި ވެއެވެ. އެގޮތުން ރާއްޖެ ބަލިވެފައިވަނީ ބަންގާޅުއަތުން ތިނެއް ސުމެއް، އޮމާން އަތުން ހަތަރެއް ސުމެއް، އިރާގު އަތުން ނުވައެއް ސުމެއް، އަދި ސައޫދީ އަތުން އެގާރަ ސުމަކުންނެވެ.