23 Oct 2010, 08:39
މާފަންނު ގެއެއްގެ ތެރެއިން ފެނުނު ބަނގުރާ ފުޅިތަކާ އެކު ހަތް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މ. ގުލޯރިއާގޭގެ ތެރެއިން ފެނިފައި ވަނީ 24 ފުޅި ބަނގުރާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
މާފަންނު ސަރަހާ ކުރިމަތިން މިލިއަން ބުކްޝޮޕް ކައިރީ ހުންނަ އެގެ ފުލުހުން ބަލައި ފާސްކޮށްފައި ވަނީ އިއްޔެރޭ ގާތްގަނޑަކަށް 8 ޖަހާކަންހާއިރު އެ ސަރަހައްދު ބަންދުކޮށްގެންނެވެ.
ހައްޔަރުކޮށްފައިވާ މީހުންނަކީ މިހާރު ވެސް ފުލުހުން ތަހްޤީޤްކުރަމުން އަންނަ މައްސަލައަކާ ގުޅުން ހުރި ބައެއް ކަމަށް ފުލުހުން ބުންޏެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއެއްހާ އިރު އެގެ ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އެގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.