14:30


ކުށްވެރިންގެ ޙުކުމް ތަންފީޒުނުކޮށް، މުޖުތަމައަށް އަހްލުވެރިނުކޮށް، އެމީހުން މުޖުތަމައަށް ނެރޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި އެވެ.


ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ޖަލުން ނެރުނު ޚަބަރު ދިޓީވީން ކިޔައިގެން ގްރޫޕަކުން ގޮސް އެތަނުގެ މުވައްޒަފުންނަށް ބިރު ދައްކައި މާރާމާރީ ހިންގާފައިވާތީއާ ހަވީރު ނޫހުގައި މަސައްކަތްކުރާ މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ އެކަންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހިއުމަން ރައިޓް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދިރިހުރުމާއި، އަމިއްލަ މިނިވަންކަމާއި، ނަފްސުގެ ރައްކާތެރިކަމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލްތައް މުޖްތަމައުގައި ގިނަވަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މީޑިޔާގެ މިނިވަންކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މި ހާދިސާއާ ގުޅިގެން ޚަބަރުފަތުރާ ވަސީލަތްތަކަށް މިނިވަންކަމާ އެކު މަސައްކަތްކުރުމަށް އިތުރު ހުރަސްތަކެއް އެޅި ބިރުވެރިކަން ފެތުރިފައިވާތީ އެކޮމިޝަނުން އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ޚަބަރު ފަތުރާ ވަސީލަތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ފަދަ މާހައުލެއް ޤާއިމްކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެކޮމިޝަންގެ އެ ނޫސްބަޔާނުގައި ވަނީ ގޮވާލާފަ އެވެ.


މުޖުތަމައުގައި މާރާމާރީ ހިންގުމަށް މަގުފަހިވެފައިވާ މައިގަނޑު ސަބަބުތަކަކީ ކުށްކުރާ މީހުންނަށް ޝަރުޢީގޮތުން ލިބިދޭންޖެހޭ އަދަބު ފުރިހަމައަށް ތަންފީޒުނުކުރެވި މުޖުތަމައުގެ ތެރެއަށް ކުށްވެރިން ދޫކޮށްލުމާއި، ޤާނޫނު ތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި، އެކަކު އަނެކެއްގެ އިންސާނީ ޙައްޤުތަކަށާއި ނަފްސުގެ ކަރާމާތަށް ހުރުމަތަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އަށަގެންފައި ނެތުން ކަމަށްވެސް އެ ނޫސް ބަޔާނުގައިވެ އެވެ.


ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށް، އަދި މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށް އެންމެ ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާއި ރާއްޖޭގެ މާހައުލަކީ އަމާން، ރައްކާތެރި މާހައުލަކަށް ވުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އިންސާނީ ހައްގެއް ކަމަށް ވެސް އެޗްއާރުސީން ބުނެ އެވެ.