28 Apr 2013, 14:29
މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހަށް ވުމާ އެކު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހޭތީ އެ ފުރުސަތު ޖުލައި 15 ވަނަ ދުވަހު ހުޅުވާލާން މަސައްކަތް ކުރާ ކަމަށެވެ.
ރިޔާސީ އިންތިހާބުތަކުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި (ހ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމުގައި ހުރި މީހެއްގެ ރިޔާސަތުގެ ދައުރު ހަމަވާން އޮންނަ އެންމެ ފަހު 120 ދުވަހަށް ފެށުމާ އެކު ގިނަ ވެގެން ދިހަ ދުވަސް ތެރޭގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުނަށް އެ ފުރުސަތު ހުޅުވިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާން ކުރަންވާނެ އެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބާ ބެހޭ އާންމު ގަވާއިދު އެކުލަވާލާ ނިމިފައިވާ ކަމަށާއި އެ ގަވާއިދު ވަރަށް އަވަހަށް އާންމުކުރާނެ ކަމެށެވެ. ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދު މައިގަނޑު ބިނާވެފައި ވަނީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއި އަދި އިންތިހާބު މޮނިޓަރު ކުރާ ފަރާތްތަކުގެ އިތުރުން އިންތިހާބާ ގުޅުން ހުރި އެންމެހާ ފަރާތްކުގެ އަމަލުތައް ހުންނަން ޖެހޭނެ ގޮތުގެ މައްޗަށް ކަމަށް ފުއާދު ވިދާޅުވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ފަސް ބޭފުޅަކު ވަނީ އިއުލާން ކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިނާއި އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެވެ.