28 Apr 2013, 14:20
ބާރު ސްޕީޑްގައި ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ބުރަކިތާށިވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ގދ. ތިނަދޫ ތަރާނާގޭ އުމުރުން 19 އަހަރުގެ ޒައިދު މުޙައްމަދު ރަޝީދެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒައިދު ވިއްސައިގެންގޮސް ޕޭމަންޓްގެ އަރިމައްޗަށް ޖެހުމުގެ ސަބަބުން މައިބަދައަށް އަނިޔާވެ، އުކުޅުވަޅު ނެއްޓުމުގެ އިތުރުން އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފް މާލެ އޭރިއާ އިން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ޒައިދުއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުންނެވެ.
އޭނާ މާލެ ގެނެސްފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރުންނެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުގެ ބުރަކި ތާށިވެ، ސައިކަލް ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.