ވަތަނިއްޔާ އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް 4G ނެޓްވޯކްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ވަތަނިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްވަމުން ވަތަނިއްޔާގެ ޗީފް އެގްޒެކެޓިވް އޮފިސާ ހާރޫން ޝަހުލް ހަމީދު ވިދާޅުވީ ވަތަނިއްޔާ އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް 4G ހިދުމަތް ތައާރަފްކުރެވުމުން އެކަމާ މެދު ފަހުރުވެރިވާ ކަމަށާއި އަދި އެއީ ވަތަނިއްޔާ އިން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ސާބިތުވެތިބި ކަމުގެ ހެއްކެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ 4G ރާއްޖެ އަށް ތައާރަފް ކުރުމަކީ ކަސްޓަމަރުނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި އެގޮތުން 3G ނެޓްވޯކުގައި 14.4 އެމްބީޕީއެސް ލިބޭ އިރު 4G ނެޓްވޯކުގައި 100 އެމްބީޕީއެސް ލިބޭނެ ކަމަށެވެ.

"މިހިދުމަތް ތައާރަފް ކުރެވިގެންދިއުމާ އެކު ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ، އެގޮތުން މީގެ ކުރިން ސީރީޒް އެއް ޑައުންލޯޑް ކުރަން އެތައް ވަގުތެއް ނަގާއިރު ވަތަނިއްޔާ އިން މިތައާރަފްކުރި 4G ހިދުމަތާ އެކު މަދު މިނެޓްކޮޅުތަކެއްގައި އެހިދުމަތްތައް ލިބިގެންދާނެ،" ޒަމްރާ ވިދާޅުވި އެވެ.

ވަތަނިއްޔާގެ ހެޑް އޮފް ނެޓްވޯކް ހުސެއިން ނިޔާޒް ވިދާޅުވީ މިއަދު އެހިދުމަތް ތައާރަފްކުރުމާ އެކު ހިދުމަތް ލިބިގެންދާނީ މާލެ ސަރަހައްދަށް އެކަނިކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ވަތަނިއްޔާ އިން ބުނީ އެކުންފުނިން ރާއްޖެ އަށް އަލަށް ތައާރަފްކުރި 4Gގެ ހިދުމަތް 700mhz ސަޕޯޓްކުރާ އައިފޯން ފައިވް އަށާއި އައިޕެޑް ފޯގެ އިތުރުން ސެމްސަންގް ގެލެކްސީ އެލްޓީއީ މޯބައިލް ފޯނުތަކަށާއި އަދި އެހެނިހެން ޑިވައިސްތައް މެދުވެރިކޮށް ވެސް އިތުރު އަގަކާއި ނުލާ ލިބިގެންދާނެ ކަމަށެވެ.