ދެހާސް ދިހަ ވަނަ އަހަރު މާފުށީ ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުމެއްގައި ޑީޕީއާރްއެސްގެ ތިން މުވައްޒަފަކު ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހެއްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މ. ކަދުރުމާގޭ ހޫދު އަބްދުއްރަހީމާއި ގ. އުފުރިޔާ އިސްހަގު ހަލީމާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 786 މައުޖޫދު ރިޔާޒާއި ހ. ސާނީވޭ މުހައްމަދު އަޒުލީނުގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 618 އަބްދުﷲ މުއާޒު ސައީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ފަސް މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

އެ ފަސް މީހުންގެ އިތުރުން ގ. ދޮންބަގީޗާގޭ އަލީ ރިޟްވާން އުސްމާންގެ މައްޗަށް ވެސް އެ މައްސަލައިގައި ވަނީ ދައުވާ ކޮށްފަ އެވެ. ނަމަވެސް ރިޟްވާން ކޯޓަށް ހާޒިރުނުކުރެވޭތީ އޭނާގެ ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.



އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ އެ މީހުން މާފުށީ ޖަލުގެ ޔުނިޓް 10ގައި ބައިތިއްބާފައި ވަނިކޮށް 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރޭ 8:15 ހާއިރު އެތަނުން ނުކުމެ ޑީޕީއާރްއެސްގެ ތިން މުވައްޒަފަކު ޔުނިޓް ދޭއްގެ ކޮރިޑޯ މަތީގައި ހިފަހައްޓާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ދައުވާ އަށް އިންކާރު ކުރުމަށް ފަހު އެ މީހުން ބުނެފައި ވަނީ ދައުލަތުން ދައުވާ ކޮށްފައި ވަނީ އެއްވެސް ތަހުގީގެއް ކުރުމެއް ނެތި ކަމަށެވެ. ނަމަވެސް އެމީހުން ތަހުގީގަށް ދީފައިވާ ހަނުހުރުމުގެ ބަޔާންތަކެއް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަ އަރުވަލުން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.