ޓެލެކޮމް އާއި އައިސީޓީ ދާއިރާ އަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއާ "ކަނެކްޓް2013" މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޓެލެކޮމް ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތައް ބައިވެރިވާ އެފެއާ މިއަދު ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އެ ފެއާ އޮންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެ އެކުސްޕޯ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ އައިޓި ދާއިރާއަކީ ރާއްޖޭގައި ވަރަށް ބާރަށް ކުރިއަރަމުންދާ ދާއިރާއަކަށްވާ އިރު އެދަފަ އެކްސްޕޯތަކަކީ ވަރަށް މުހިންމު އެކްސްޕޯތަކެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިފަދަ މައުރަޒުތަކަކީ ރާއްޖެ އަށް ވަރަށް މުހިންމު މައުރަޒްތަކެއް. އަޅުގަނޑު އުންމީދުކުރަނީ މިފެއާގެ ސަބަބުން އައިޓީ ދާއިރާގެ ގިނަ ގުނަ މައުލޫމާތްތަކެއް ރައްޔިތުނަށް ލިބިގެންދާނެކަމަށް،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޓެކްނޮލޮޖީގެ ބޭނުން މިހާރު އެންމެ އެކަށީގެންވާ ގޮތުގައި ހިފަމުންނުދާތީ އެކަމަށް ބަދަލުގެނެސް ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހިފައިވާ ކަމަށެވެ. އަދި އައިޓީ ދާއިރާ އިން ކިޔަވައިދޭ ކިޔެވުމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި މިހާރަށް ވުރެ ބޮޑަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ. އަދި އިންޓަނެޓްގެ ހިދުމަތް ދޭން ބޭނުއްވާ ގިނަ ފަރާތްތަކަށް އެ ހިދުމަތް ދެވޭނެ ފަދައިން އެ ހިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

ކޮމިނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވުސް(ކޭމް) އިން ބުނީ އެފެއާއަކީ ޓެލެކޮމިއުނިކޭޝަންސް އާއި އައިސީޓީގެ ދާއިރާ އިން ލިބެން ހުރި ހިދުމަތްތަކާއި އަލަށް ތައާރަފްކުރާ ހިދުމަތްތައް އެއްތަނަކުން ދައްކާލުމުގެ ގޮތުން ބާއްވާ އެކުސްޕޯއެއް ކަމަށެވެ. އަދި އެ އެކްސްޕޯގެ ތެރެއިން އެ ދާއިރާ އިން ރާއްޖޭގައި ލިބެން ހުރި ގިނަ ހިދުމަތްތަކެއް ދައްކާލުމާއި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޭމް އިން ބުންޏެވެ.

ކޭމްއިން ބުނީ އެ އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް 30000ރ.ގެ އަގުހުރި އިނާމެއް ދިނުމަށް ނިންމާފައިވާ އިރު ސްޓޯލްތަކުން ވެސް ތަފާތް ހަދިޔާތައް ލިބިގެންދާނެ ކަމަށެވެ.