ނިއުކާސަލް ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެކުލަބު އަތުން ހައެއް ސުމެއްގެ ބޮޑު ތަފާތަކުން ލިވަޕޫލް ރޭ މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާއި ލިވަޕޫލް ބައްދަލު ކުރިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ތިންވަނަ މިނިޓުގައި ޑެނީލް އެގާއެވެ. އަދި މެޗުގެ 17 ވަނަ މިނިޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޑަން ހެންޑަސަންއެވެ. މެޗުގެ 54 އަދި 60 ވަނަ މިނިޓުގައި ޑެނީލް ސްޓަރިޖް ދެލަނޑު ކާމިޔާބު ކޮށްދިންއިރު ސްޓީވަން ޖެރާޑުގެ ބަދަލުގައި ފަހުހާފުގައި ކުޅެން ނުކުތް ފަބޮއޯ ބޮރިނީ ވަނީ 74 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ފަހެއް ސުމަކަށް ބަދަލު ކޮށްފައެވެ. އޭގެ ދެމިނިޓުފަހުން މެޗުގެ ފަހު ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ހެންޑަސަންއެވެ.

ރޭގެ ނަތީޖާއަކީ މިސީޒަންގައި ލިވަޕޫލް އެންމެ ބޮޑު ތަފާތަކުން މޮޅުވި ނަތީޖާއެވެ. ހަމަ އެހެންމެ ރޭގެ މެޗުގެ ނަތީޖާއަކީ ނިއުކާސަލްގެ އަމިއްލަ ދަނޑުގައި 1925 ވަނަ އަހަރަށްފަހު ހައެއް ސުމެއްގެ ބޮޑު ތަފާތަކުން އެކުލަބު ބަލިވި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ލިވަޕޫލްގެ ފޯވާޑް ލުއިސް ސުއަރޭޒް ޗެލްސީގެ އިވަނޯވިޗްގެ އަތުގައި ދަތްއެޅުމުގެ ސަބަބުން 10 މެޗަށް ސަސްޕެންޑް ކޮށްފައިވާ ސުއަރޭޒާ ނުލައި އެފަދަ ބޮޑު ތަފާތަކުން މޮޅުވުމުން ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާ ވަނީ އޭނާގެ ކުލަބަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ހަމަ އެހެންމެ ރޭގެ މެޗުން ބަލިވުމުން ލީގު ތާވަލުގެ 16 ވަނައިގައި މިވަގުތު އޮތް ނިއުކާސަލްގެ ކޯޗު އެލަން ޕާޑޯވް ބުނީ ރޭގެ މެޗު ގެއްލުމުގެ ސަބަބުން އޭނާގެ ޓީމަށް މިހާރު މިވަނީ ރެލިގޭޝަނާ ހަނގުރާމަކުރަން ޖެހިފައި ކަމަށެވެ.