28 Apr 2013, 11:53
ސްޕެނިސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ފަހަތުން އަރައި 2-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
އެތުލެޓިލޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ކުރިހޯދީ އެތުލެޓިކޯ މެޑްރިޑުންނެވެ. އެ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ރަޑަމެލް ފަލްކާއޯ އެވެ. ނަމަވެސް ރެއާލްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ މެޗުގެ 13 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޖުއަންފަރެން އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.
ރަށުން ބޭރުގައި ރެއާލް ކުޅުނު މެޗުން އެޓީމް މޮޅުކޮށްދިން ލަނޑު މެޗުގެ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑި މަރިއާ އެވެ.
ރޭގެ މޮޅާއެކު ސްޕެނިސް ލީގުގައި ރެއާލް އޮތީ 74 ޕޮއިންޓާއެކު ދެ ވަނަ މަގާމްގައެވެ. އަދި މެޗުން ބަލިވި އެތުލެޓިކޯ އޮތީ 68 ޕޮއިންޓާއެކު ތިން ވަނަ މަގާމްގައެވެ. ލީގުގެ އެއްވަނަ މަގާމްގައި 87 ޕޮއިންޓާއެކު އޮތީ ރޭ ބިލްބާއޯ އަތުން 2-2 ލަނޑުން އެއްވަރުވި ބާސެލޯނާ އެވެ.