28 Apr 2013, 11:42
ކުރިން ހީކުރި ވަރަށް ވުރެ ދުނިޔޭގެ މެދު (ކޯ) ހޫނު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ފަރަންސޭސި ރިސާޗް އެޖެންސީއެއް ކަމަށްވާ ސީއީއޭ އިން ހަދާފައިވާ މިދިރާސާ އިން ދައްކާ ގޮތުގައި ދުނިޔޭގެ މެދު ނުވަތަ ކޯގެ ފިނިހޫނު މިނަކީ 6000 ޑިގްރީ ސެލްސިއަސްގަ އެވެ. މިއީ އިރުގެ އެންމެ މަތީގައިވާ ފަށަލާގައި ހުންނަ ފިނިހޫނު މިނެވެ.
ސީއީއޭ އިން ބުނީ ދުނިޔޭގެ އެތެރޭގައިވާ އިނާ ކޯއަކީ ކުރިސްޓަލައިން މާއްދާއެއްގެ މައްޗަށް އެކުލެވޭ ބުރެއް ކަމަށާއި މިބުރުގައި ހިމެނޭ ކްރިސްޓަލައިން މާއްދާ އުފެދޭނެ ފިނިހޫނުމިން ހޯދުމަށް މިދިރާސާގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ކޯގައިވާ ޒާތުގެ ކުރިސްޓަލައިން އުފެދޭ ފިނިހޫނު މިނާ މެދު ސައެންސްވެރިންގެ މެދުގައި ބަހުސްތަކެއް ވަނީ ކުރެވިފަ އެވެ.
ސީއީއޭއިން ސައިންސް މެގަޒިންގައި ޝާއިއުކޮށްފައިވާ ދިރާސާ ހަދާފައި ވަނީ އެކްސް-ރޭގެ އެހީގައި "އަޔަން ކުރިސްޓަލްސް" ވިރޭ އަދި އުފެދޭ ފިނިހޫނުމިންތައް ހޯދުމަށް "އަޔަން ކުރިސްޓަލްތަކެއް" ހޫނުކޮށްގެން ނެވެ.
ދުނިޔޭގެ ފަށަލަތަކާއި އެފަށަލަތަކުގެ ބޯމިން ބިންހެލުންތަކަށް ފަހު ދެނެގަނެވޭ ސީޒްމިކް ވޭވްތަކުގެ އެހީގައި ހޯދިފައިވާ ނަމަވެސް މިހާތަނަށް ދުނިޔޭގެ އެންމެ އެތެރޭގައި ފިނިހޫނު މިން ހުންނަ މިންވަރާ މެދު އެއްވެސް ހޯދުމެއް ހޯދިފައެއް ނުވެ އެވެ.
މީގެ ކުރިން ހީކުރެވިފައިވާ ގޮތުން ދުނިޔޭގެ އެންމެ އެތެރޭގައިވާ ކޯގެ ފިނިހޫނު މިނަކީ 5000 ޑިގްރީ ސެލްސިއަސް އެވެ.