ބްރެޒިލްގެ ސަންތޯސް ދޫކޮށްލުމުގެ ވިސްނުން ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ގެންގުޅޭ ކަމަށް ސަންތޯސްގެ ނައިބު ރައީސް އޮޑީލިއޯ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ.

ރޮގްރިގޭޒް ވިދާޅުވީ، ނޭމާ ކުލަބް ދޫކޮށް ދާން އުޅޭ ވާހަކަ ރަސްމީކޮށް އެނގިފައިވާ ކަމަށެވެ. އަދި ސަންތޯސްއާ އެކު ނޭމާ ހަދާފައިވާ ކޮންޓުރެކްޓު ހަމަވާނީ 2014 ވަނަ އަހަރުގެ ފަހު ކޮޅު ކަމަށް ރޮގްރިގޭޒް ވިދާޅުވެފައި ވެއެވެ.

"ނޭމާ ކުލަބް ދޫކޮށް ދާން އުޅޭކަން ވަނީ އެނގިފައި. ދާދި ފަހުން ނޭމާއާ އަހަރެން ވާނީ ބައްދަލުކޮށްފައި" ރޮގްރިގޭޒް ވިދާޅުވިއެވެ.

ބްރެޒިލްގެ ލީގުގައި ކުޅެމުންދާތީ ނޭމާއަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދެ އެވެ. ފަހަކަށް އައިސް ނޭމާ ފާހަގަވެފައި ވަނީ ރީތި ގޯލްތަކެއް ޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޒުވާން ތަރި ނޭމާ ގެންދިއުމަށް ޔޫރަޕްގެ ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުން ދެ އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން އިނގިރޭސި ކްލަބު ޗެލްސީއިން ވެސް ނޭމާ ގެންދިއުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން ދެ އެވެ.

ދެވަނަ ފަހަރަކަށް ބްރެޒިލް ގައުމީ ޓީމާ ގުޅުނު ކޯޗު ސްކޮލާރީ ދެކޭގޮތުގައި ނޭމާއަށް މިވަގުތު ހުރުން އެންމެ ރަނގަޅީ ބްރެޒިލްގެ ސަންތޯސްގައެވެ. މިހާރު ބާސާއާ ގުޅިއްޖެނަމަ، ބްރެޒިލް ގައުމީ ޓީމަށް ކޮށްފާނެ އަސަރަކާ މެދު ސްކޮލާރީ ކަންބޮޑުވާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މީގެ އިތުރުން ސްކޮލާރީ ބުނެފައި ވަނީ އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން ބާސާއާ، ނޭމާ ގުޅިއްޖެނަމަ، ބްރެޒިލް ގައުމީ ޓީމަށް އަސަރުކޮށްފާނެ ކަމަށެވެ.

ނޭމާ މީގެކުރިން ބުނެފައިވަނީ 2014 ގެ ވޯލްޑްކަޕްގެ ކުރިން އެއްވެސް ކުލަބަކަށް ބަދަލުވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި ވޯލްޑް ކަޕްގެ ކުރިން ޔޫރަޕްގެ އެއް ވެސް ކުލަބަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

އުމުރުން 21 އަހަރުގެ ނޭމާ ހޯދުމަށް ބާސެލޯނާއިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ، މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ނޭމާގެ ބާސެލޯނާ އަށް، ބަދަލުވުމު ގެ ވާހަކަތައް ފެށުމަށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ސްޕޭނަށް ދަތުރެއް ކުރާނެ ކަމަށާއި އެދަތުރަށްފަހު އޭނާ ގޮތެއް ނިންމާނެ ކަމަށެވެ.

އެންމެ ފަހުން ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް ހޯދީ ފައިނަލުގައި ޖަރުމަން ބަލިކުރުމަށް ފަހު އެވެ.